ރާއްޖޭގައި ބޭރުގެ ސިފައިން ބައިތިއްބަންޖެހޭ ސަބަބު، ސަރުކާރުން ބުނެދޭން ޖެހޭނެ ކަމަށް ވިދާޅުވެ، ކުލަ ހެދުމުގައި ވިޔަސް ސިފައިން ބައިތިއްބަން ޖެހޭތޯ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.
ރ.ވާދޫގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ވާހަކަ، ރައީސުލްޖުމްހޫރިއްޔާވެސް، އަދި ކަމާއިބެހޭ މުއައްސަސާތަކުން ވެސް ހާމަކޮށްފައިވާއިރު، ދިފާއުގައި ބުނާ ވާހަކަ އަކީ، އެމީހުން ތިބީ ކުލަ ހެދުމުގައި ކަމަށް ބުނެ ދައްކަވާ ވާހަކައެއް ކަމަށެވެ.
”މި ގައުމުގަ ބޭރުގެ ސިފައިން އެބަތިބި، އެކަން ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ، ސަރުކާރުގެ އެކި އެކި ފަންތީގެ ބޭފުޅުން ވިދާޅުވެއްޖެ، ރަސްމީ އިދާރާތަކުން އެ ވާހަކަ ދައްކައިފި، އެބަތިއްބޭ، އެކަމަކު ތިބީކީއެއް، ޔުނީފޯމް ލައިގެނެއް ނޫނޭ، ތިބީކީއެއް ބަޑި ހިފައިގެނެއް ނޫނޭ. ދެން އެވަރުންވެސް ޖެހޭތޯ ތިބެން؟ ނުޖެހޭނެ ތިބޭކަށެއް. އެ ސުވާލަށް ޖަވާބުދޭން ޖެހޭނެ ނޫންތޯ؟ ކީއްކުރަންތޯ އެވަރަކުން ބައިތިއްބަނީ؟“ އެމަނިކުފާނު ވިދާޅުވިއެވެ.
މާޒީގައި އެތައް ވެރިކަމެއް ދިވެހީން ދެކެފައިވާއިރު، މިވަރަށް ދިވެހީންގެ އަމިއަލަވަންތަކަން ދުވަހަކު ވެސް ގެއްލިފައި ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މުއިއްޒު ވަނީ، ގައުމީ ކްރިކެޓް ޓީމަށް ވަކި ގައުމެއްގެ ރުހުން ނުލިބިގެން ޕާކިސްތާނަށް ވެސް ނުފުރުނު ކަމަށާއި، ކުރިމަގުގައި ވެސް މިފަދަ އެތައް ކަމެއް ހިނގާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މިފަދަ ކަންކަން ވެސް ”އޯކޭ“ ކަމަށް މިމަހުގެ 30 ވަނަ ދުވަހު ލާ ވޯޓުގައި ނިންމައިފިނަމަ، ދިވެހީންނަށް މިނިވަންކަން މުހިންމު ނުވަނީ ކަމަށެވެ.

ބޭރުނަރުހުންނާ ޑޮކުޓަރުން ބައިތިއްބައިގެން ތިއުޅެނީ
ބޭރުމީހުން މަސައްކަތު ގެންނަނީ ރާއްޖެ