ތިމާ ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވިކަމުގައި ވިޔަސް، ގައުމުގެ މިނިވަންކަން ސަލާމަތްކުރުމުގެ ވިސްނުން އެއްގޮތް ކުރަންޖެހޭ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި، ރޭ ރ.ހުޅުދުއްފާރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ގައުމުގެ އަމިއްލަވަންތަކަން ގެއްލިގެން ދިޔުމުގެ ނަތީޖާ އަކީ، މުއިއްޒު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާއި، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި، އިންޑިއާ އާއިއެކުގައި ހަދައިފައިވާ އެއްބަސްވުންތައް ސިއްރު ކުރުމެވެ.
”މިހާރު މި އޮތްގޮތަށް ދާން ވެއްޖެއްޔާ، އަޅުގަނޑުމެންގެ މިނިވަންކަމެއް ވެސް ނޯންނާނެ، އަޅުގަނޑުމެންގެ ދިވެހި ބަސް ވެސް ނެތިގެންދާނެ، އަޅުގަނޑުމެންގެ އިސްލާމްދީނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ، އެހެން ދީންތައް ފެތުރި، ހުރިހައި ކަމަކަށް މަގުފަހި ވެގެންދާނެ.“ މުއިއްޒު ވިދާޅުވިއެވެ.
އިސްލާމް މާއްދާ އިނގެރޭސި ބަހުން ކިޔައިވައިދިނުމަށް ކުރާ މަސައްކަތަށް އަލިއަޅުވާލައްވައި، މުއިއްޒު ވިދާޅުވީ، އެއިން ހާސިލު ކުރަން ބޭނުންވަނީ ދެ ކަމެއް ކަމަށާއި، އެއީ ދިވެހި ބަހާއި ދަރިވަރުން ދުރުކޮށް، އިސްލާމް މާއްދާ ކިޔެވުމަށް ހުންނަ ޝައުގުވެރިކަން ކުޑަ ކުރުމެވެ.
