ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި ރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތަކަށް ވީގޮތާއި، އެ ގެނައުމަށް ހަރަދު ކުރި 30 މިލިއަން ރުފިޔާއަށް ވީގޮތް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި، ރ.ހުޅުދުއްފާރުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ކޮވިޑް ތެރޭގައި ގެންނަން އުޅުނު ވެންޓިލޭޓަރުތަކަށް ވީގޮތް ބުނެ ނުދީ ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން އައުމުގެ ”މޯރަލް އޮތޯރިޓީ“އެއް އޮތްތޯ ސުވާލު ކުރައްވައިފައެވެ.

މުއިއްޒު ވަނީ ބޮޑު ހަރަދެއް ކޮށްގެން ފަށާފައިވާ، ތިލަމާލެ ބްރިޖުގެ މަޝްރޫއު ކުރިއަށް ނުދާކަން ފާހަގަކުރައްވައި، ކަންބޮޑުވުންފާޅުކުރައްވައިފައެވެ.

”ދެން އަނެއް ކަމަކީ، މާލެ އާއި ތިލަމާލެ އާއި ދޭތެރޭގައި އަޅާ ބްރިޖް، 700 މިލިއަން ޑޮލަރުގެ ލޯނެއް. އޭގެ ތެރެއިން މިހާރު، ގާތްގަނޑަކަށް 190 މިލިއަން ޑޮލަރު ހަރަދު ކޮށްފި،  ބްރިޖުގަ ކޯޗެއްތޯ ފެންނަން އޮތީ؟ އެންމެ ތަނބެއް ވެސް ފެންނަން ނެތެއް ނޫންތޯ؟“ މުއިއްޒު ސުވާލު ކުރެއްވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި 190 މިލިއަން ޑޮލަރަށް އެޅި ބްރިޖް ފެންނާން ހުރިއިރު، މި ސަރުކާރުން އެހައި ގިނަ ފައިސާ ހަރަދު ކުރި ބްރިޖަށް ވީގޮތެއް ވެސް ނޭނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ސަރުކާރުން ބުނަމުން އައި ގޮތަށް، މި އަހަރުގެ ޖުލައި މަހަށް ބްރިޖް ވިލިނގިއްޔާއި ހަމައަށް ގުޅުވައިނުލެވުނުކަން ފާހަގަކުރައްވައި، މި މަޝްރޫއު ނިންމަވައި، ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނީ، ޕީޕީއެމް-ޕީއެންސީގެ ވެރިކަމުގައި ކަމަށް ވިދާޅުވެފައެވެ.