ރައީސްގެ މަގާމަށް މިވަގުތު އިންތިހާބު ކުރަން އެންމެ ގާބިލު ބޭފުޅަކީ  ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ބުނެ، އެމަނިކުފާނަށް ތާއީދުކުރައްވަން ނިންމަވާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދު މިއަދު ހާމަކުރައްވައިފިއެވެ.

މީސްމީޑިއާގައި ރެއްވި ޕޯސްޓެއްގައި އިލްހާމް ވިދާޅުވީ މިގޮތަށް ނިންމެވީ ގައުމު މިއަދު މިއޮތް ހާލަތަށް ބަލައި އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ ކަމަށާއި ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެ ކަމަށް މިހާރު ވެސް ބުނަމުންދާތީ ކަމަށެވެ.

އަދި މި ނިންމުން ނިންމެވީ އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު ވިސްނައި ސިޔާސީ ބޭފުޅުންނާއި އަދި އެހެނިހެން ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މިވަގުތު އިންތިޚާބު ކުރަން އެންމެ އެކަށޭނެ އަދި ގާބިލު ބޭފުޅަކީ މިހާރުގެ ވެސް ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް އަޅުގަނޑަށް ފެންނާތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރަން އަޅުގަނޑު ނިންމައިފިން.“

އިލްހާމް ވިދާޅުވީ ގައުމު ހަލަބޮލިނުކޮށް ސުލްހަވެރިކަމާއެކު ވެރިކަން ކުރެއްވޭނެކަން ރައީސް ސޯލިހު ސާބިތު ކޮށްދެއްވާފައިވާ ކަމަށެވެ.