ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ނުވަ ދުވަހަށް ވުމުން، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ މަހަކު 7،000 ރުފިޔާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައި އެކަން މިރޭ އިއުލާން ކުރައްވައިފިއެވެ.

ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަނީ ކޮންމެ މަހަކު 5،000 ރުފިޔާއެވެ.

މާލޭގައި ހުންނަ ހުވަދޫ ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ މި ފަސް އަހަރު ދުވަހު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ކަމަށެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ލިބިވަޑައިގަތް އެއް ޝަކުވާއަކީ ދުވަސްވީ މީހުންނަށް ލިބޭ އިނާޔަތް ކުޑަ ކަމުގެ ޝަކުވާ ކަމަށާއި،  މިހާރު ލިބެމުން އަންނަ އަދަދަކީ ދެކޮޅު ޖެހޭ އެއްޗެއް ނޫން ކަމަށް ބުނެ އެމީހުން ހިތްހަމަނުޖެހޭ ކަމަށެވެ.

”އަޅުގަނޑުމެން އެ ސިޔާސަތު ބަދަލު ކުރާނަން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 7،000 ރުފިޔާގެ އެލަވަންސެއް ދޭނަން،“ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރިޓަޔަރ ކުރާ އުމުރު 70 އަހަރަށް ބަދަލު ކޮށްފައިވާކަން ވެސް، ރައީީސް މިރޭ ހާމަ ކުރެއްވިއެވެ.