ވަޒީފާއިން މުސްކުޅިކުރެވުމަށްފަހު ހަރަދު ކުރުމަށް ހަމަޖެހިފައިވާ ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރުމަށް ހުޅުވާލެވިދާނެ ތިން ހާލަތާއި އެކަމުގެ ތަފްސީލު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު ވިދާޅުވެ ދެއްވައިފިއެވެ.
މުއިއްޒު މި ތަފްސީލު ދެއްވީ ޕެންޝަން ފަންޑަކީ ވަޒީފާއިން މުސްކުޅިވާ ދުވަހު ހަރަދުކުރުމަށް ރައްކާކުރެވޭ ފައިސާއެއް ކަމާއި ޕެންޝަން ފަންޑަކީ ފަސޭހައިން ނެގޭގޮތަށް އޮންނަ ފަންޑަކަށް ހަދައިފިނަމަ، ރިޓަޔަރމެންޓަށް ދާއިރު އެމީހާ ބޭނުންކުރާނެ ފައިސާއެއް ނުހުންނާނެ ކަމަށާއި، އަދި ޕެންޝަން ފަންޑަށް އެގޮތަށް އެކްސެސް ދިނީމަ މުސްތަގްބަލްގައި ވާނީ ކިހިނެތްތޯ ”އާސްކް މުއިއްޒު“ ޕްރޮގްރާމްގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މުއިއްޒު ވިދާޅުވީ އެކަމަކީ އާންމު ރައްޔިތުންނަސް ވަރަށް ބޭނުން ޖެހިފައި އޮތްކަމެއް ކަމަށެވެ. އަދި ޕެންޝަން ފަންޑަކީ ޖަމާކުރާ ފައިސާ ރިޓަޔަރ ވާއިރު ނެގޭގޮތަށް އޮންނަ އެއްޗެއް ގޮތުގައި އޮތް އޮތުމުގެ ބަދަލުގައި މުހިންމު ތިން ކަމަކަށް އެ ފައިސާއިން ވަކި ވަރެއް ބޭނުންކުރެވޭނެ ގޮތަށް އެމަނިކުފާނުގެ ސަރުކާރެއްގައި ހަދައިދެއްވާނެ ގޮތުގެ ފޯމިއުލާ ވިދާޅުވެ ދެއްވިއެވެ.
ގާނޫނުގެ ތެރެއިން މިހާރުވެސް އެޕާޓްމެންޓެއް ގަތުމަށް އަދި ފުރަތަމަ ފަހަރު ހައްޖަށް ދިއުމަށް ކޮންމެސް ވަރަކަށް ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވުނު ނަމަވެސް އެއީ އެހާ ފަސޭހައިން ހަމަޖެހޭ ކަމެއް ނޫންކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން އެމީހެއްގެ ޕެންޝަން ފަންޑަށް ވަކިވަރަކަށްވުރެ ބޮޑުއަދަދެއް ޖަމާވެފަ ހުރިއްޔާ އޭގެން މައިގަނޑު 3 ކަމަކަށް ފައިސާ ނެގޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ، ގެދޮރު ބިނާކުރުމާއި، ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމާއި، ކުދި އަދި މެދު ފަންތީގެ ކޮންމެވެސް ކަހަލަ ވިޔަފާރިއެއް ފަށަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ލިބޭނެ ގޮތަށް ހެދުމަކީ ރަނގަޅު ކަމެއްކަމުގައި މުއިއްޒު ފާހަގަ ކުރެއްވިއެވެ.
”ގެދޮރު ބިނާކުރުމަށްޓަކައި ވަކިވަރެއް ނެގޭގޮތަށް، ރާއްޖޭން ނުހެދޭ ކޯހެއް ހެދުމަށް ސްކޮލަރޝިޕް ނުލިބޭ ހާލަތުގަ، ދަރިން ރާއްޖޭން ބޭރަށް ކިޔަވަން ފޮނުވަން ކޮންމެސް ވަރެއް ނެގޭގޮތަށް، 3 ވަނަ ކަމަކަށް ކުދި އަދި މެދު ފަންތީގެ ކޮންމެސް ކަހަލަ ވިޔަފާރިއެއް ފައްޓަން އެމީހަކަށް ޖަމާވެފަހުރި ފައިސާއިން ފައިސާކޮޅެއް ނަގަން. މި މައިގަނޑު 3 ކަންތަކަށް ކޮންމެވެސް ވަރަކަށް ފައިސާ ނެގޭގޮތަށް ހެދުމަކީ ރަނގަޅު ކަމެއް“ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެއީ ވަރަށްގިނަ ރައްޔިތުންގެ ފަރާތުން އައިސްފައިހުރި ޝަކުވާތަކެއް ކަމަށާއި، އެކަން ކުރެވޭނީ ގާނޫނަށް ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.
މިހާރު ޕެންޝަން ފަންޑުގަ 20 ބިލިއަން ރުފިޔާ ޖަމާވެފައި ހުރިކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ސަރުކާރުން އެކިކަހަލަ ކަންކަމަށްވެސް ޕެންޝަން ފަންޑުގެ ބޭނުން ހިފާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ޕެންޝަން ފަންޑު އިތުރަށް ފުޅާކޮށް ހަރުދަނާ ކުރެވޭނެ ގޮތްތައްވެސް އެބަހުރި ކަމަށާއި އެހެންކަމުން އެ ފަންޑަށް އިތުރަށް ފައިސާ ވަންނާނެ ގޮތްތައް ހޯދަމުން އިންވެސްޓްމެންޓް ތަކަށް އެފުރުޞަތު ދެމުން ވަކިވަރަކަށްވުރެ ގިނައިން ޖަމާވެފަ ހުރިއްޔާ އެ ފުރުޞަތު ދިނުމަކީ އާންމު ރައްޔިތުންގެ މަސްލަޙަތާ ގުޅިފައޮތް ކަމެއް ކަމަށެވެ.
ޓެކްނިކަލީ އެކަން ކުރާނެ ގޮތުގެ ފޯމިއުލާ ނެރެވޭނެކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އެކަމުން ވާނެ ގެއްލުމެއް ނޯންނާނެ ކަމަށާއި، އޭރުން ރިޓަޔަރމެންޓަށް ފަހުވެސް ރައްޔިތުންނަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށެވެ.
”ޓެކްނިކަލީ އެކަން ކުރެވޭނެ ފޯމިއުލާއެއް ނެރެވޭނެ. މިކަމުން ވާނެ ގެއްލުމެއްނޯންނާނެ. ޕެންޝަން ފަންޑު ކުރިއަރާ،ރައްޔިތުންނަށް އޭގެ ފައިދާ ވާނެ. ރިޓަޔާ ވާ ހިސާބުންވެސް ފައިދާ އޮންނާނެ“ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެ 3 ކަންތަކަކީ އާންމު ރައްޔިތުންގެ ފަރާތުން ހުށަހަޅާފައިވާ ކަންކަން ކަމަށެވެ.
