ދިވެހި ގައުމުގެ ހާލަތު މިހާރު އޮތީ، ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ފަދަ ހާލަތެއްގައި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ބ.ކިހާދޫގެ ރައްޔިތުންނާއި މިއަދު ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
މި މަހުގެ 30 ވަނަ ދުވަހު ނުކުމެ ވޯޓުލާއިރު، ހުރިހާ ރައްޔިތުންވެސް ގައުމު ހިމާޔަތް ކުރުމާއިމެދު ވިސްނާވަޑައިގަތުމަށް އެމަނިކުފާނު އެދިލެއްވިއެވެ.
”ސަބަބަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތީ ވަރަށް ގޯސް ފައްތަރެއްގައި. އަޅުގަޑުމެންގެ ގައުމާއި މިނިވަންކަމަކީ ރައްރަށުގެ ރައްޔިތުން ތިޔަ އެދިވަޑައިގަންނަވާ ކަންކަމަށް ވުރެ ބޮޑުކަމެއް. ހަގީގަތުގައިވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ ހާލަތަކަށް ގައުމުގެ ހާލަތު މިވަނީ ގޮސްފައި.“
މުއިއްޒު ވިދާޅުވީ، މިކަންކަން ރަނގަޅު ކުރެވޭނީ ސަރުކާރުގެ ސިޔާސަތު ބަދަލުވެގެން ކަމަށާއި، ސިޔާސަތު ބަދަލުވާނީ ސަރުކާރު ބަދަލުވެގެން ކަމަށެވެ.
”އެހެންކަމުން އަޅުގަނޑުމެންގެ ސިޔާސަތަށް ތާއީދުކުރެއްވުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އެދުން.“
މުއިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނު އުއްމީދު ކުރައްވަނީ، ހުރިހާ އެންމެން، ދެވަނަ ބުރުގައި ވަރަށް ފޯރިއާއިއެކު ނުކުންނަވައި، އިތުރަށް ވޯޓު ހޯއްދަވައިގެން ގައުމާއި މިނިވަންކަމަށްޓަކައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް ކަމަށެވެ.
