އިންޑިއާއިން ރާއްޖެއަށް ”ހަދިޔާކޮށްފައިވާ“ ދެ ހެލިކަޕްޓަރާއި އަދިވެސް އަސްކަރީ ވައިގެ އެހެން އުޅަނދުތައް ދުއްވާނީ ދިވެހި ޕައިލެޓުން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް، ޝަމާލް ވިދާޅުވިތާ ތިން އަހަރު ވެއްޖެއެވެ.

ހެލިކޮޕްޓަރު ދުއްވައިގެން، ދިވެހީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމުގައި، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭ މައްސަލަ ވަނީ ވަރަށް ގިނަ ދިވެހީންނަށް އޮތް ބޮޑު ކަންބޮޑުވުމަކަށް ވެފައެވެ.

ހެލިކޮޕްޓަރު އެއްބަސްވުމާއި ހިލާފަށް، އިންޑިއާ ސިފައިން ރާއްޖެއިން ނުފައިބައި ތިބޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން މީގެ ކުރިން އަޑު އުފުލުމުން، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ޝަމާލް މީޑިއާތަކަށް ވިދާޅުވީ، ”މިހާރު ތިބި ޕައިލެޓުން އެ ހެލިކޮޕްޓަރުތައް ދުއްވަން ތަމްރީނުކުރުމުގެ މަސައްކަތްތައް ވަރަށް ބާރަށް“ ކުރިއަށްދާ ކަމަށެވެ. ހަމައެއާއެކު ޑޯނިއާ އެއާކްރާފްޓް ދުއްވަން ހާއްސަ ކުދިން ވެސް ތަމްރީނުކުރަމުން އަންނަ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އިންޑިއާ އިން ރާއްޖެއަށް އެންމެ ފުރަތަމަ ހެލިކޮޕްޓަރު ގެނައީ 2010 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައެވެ.

ހެލިކޮޕްޓަރު ދުއްވަން ދަސްކޮށްދޭނެ ކަމަށް ބުނެ، އެކަން ނުކޮށްދީ 13 އަހަރު ވެގެންދިޔައިރު، އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު 2018 ވަނަ އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން އަނބުރާ ގެންދަން، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އެންގެވިއެވެ.

އެ ދެ ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ވިސާ، 2018 ވަނަ އަހަރުގެ މެއި މަހުގައި ހަމަވުމުން، އެ މީހުންގެ ވިސާ، ރައީީސް ޔާމީންގެ ސަރުކާރުން އާކޮށްދެއްވާފައެއް ނުވެއެވެ.

ނަމަވެސް ރައީސް އިބްރާހީމް މަހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ، ހެލިކޮޕްޓަރު ދުއްވުމުގެ ނަމުގައި އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭނެ ގޮތް ފަހި ކޮށްދެއްވައިފައެވެ.