އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވޯޓާސް ލިސްޓްގައި މާދަމާ ސޮއިކުރަން އިލެކްޝަން ކޮމިޝަން (އީސީ) އިން ފުރުސަތު ދިނުމަށް ނިންމައިފިއެވެ.
އީސީ އިން މިއަދު ބުނީ، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓާސް ލިސްޓްގައި ސޮއިކުރެއްވުމުގެ ފުރުސަތު އޮންނާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 4:00 އާ ހަމައަށެވެ. އެކަން ކުރިއަށް ދާނީ އީސީގެ އިންތިހާބާ ބެހޭ މަރުކަޒު، ދަރުބާރުގޭގައެވެ.
ކެންޑިޑޭޓުގެ ބަދަލުގައި ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ދާ ނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ދާ މީހެއްގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު ހިމެނޭ ގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާ އެކީ ކެންޑިޑޭޓުގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންނަން ޖެހޭނެ ކަމަށް އީސީ އިން ހާމަ ކުރެއެވެ.
އަދި ރަޖިސްޓަރީގައި ސޮއިކުރަން ދާ މީހެއްގެ އައިޑީ ކާޑުގެ އަސްލު ވެސް ގެންދަން ޖެހޭނެއެވެ.
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ލުމުގެ ހައްގު 282،395 މީހަކަށް ލިބިގެންވެއެވެ.
