ިރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ހަފްތާއަކަށް ވުރެ މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ރިސޯޓު މުވައްޒަފުންނަށް ވެސް ފްލެޓް ދިނުމަށް ނިންމައިފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން މިހާރު އިއުލާންކޮށްފައިވާ 6،000 ފްލެޓްގެ ތެރެއިން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް 300 ފްލެޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި ފްލެޓްތަކަށް ކުރިމަތިލެވޭނީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާތާ 15 އަހަރުވެފައިވާ ފަރާތްތަކަށް ކަމަށް އަކްރަމް ވިދާޅުވިއެވެ.

ސަރުކާރުގެ ”ގެދޮރުވެރިޔާ“ ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ސަރުކާރުން ވަނީ ގިރާވަރު އުތުރުފަޅުން 4،000 އަށް ވުރެ ގިނަ ގޯއްޗަށް ވެސް ކުރިމަތިލާން ދާދިފަހުން ހުޅުވާލާފައެވެ.