އެމަނިކުފާނުގެ ބަހާއި އަމަލު ދިމާވާނެކަމުގެ ޔަގީންކަން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ތަކުރާރުކޮށް ދެއްވައިފިއެވެ.
އެމަނިކުފާނުގެ ސަޕޯޓަރުންނަށް މި ޔަގީންކަން ދެއްވާފައި ވަނީ ރޭ ލ.ގަމުގައި ބޭއްވި ޖަލްސާގައެވެ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގައި މުޅި ރާއްޖޭގެ ތަސައްވަރު ހާމަކޮށް ދައްކަވަމުން އަންނަ ވާހަކަ ތަކަކީ އެކަންކަން ކުރުމަށްޓަކައި ދައްކަވާ ވާހަކަ ކަމަށެވެ.
”އަމަލީ ގޮތުން ނަތީޖާ ނެރެދޭނަން. އެކަންކަން ކުރަން އެކުލަވާލާ ޓީމު ވާނީ އިހްލާސްތެރިކަމާއި އެކު އަޅުގަނޑު އެދޭގޮތަށް އެކަންކަން ކުރެވޭ ފަދަ ޓީމަކަށް.“
މުއިއްޒު ވަނީ، އެމަނިކުފާނުގެ ސަރުކާރުގެ ކެބިނެޓަށް ނަގާނީ ރައްޔިތުން ފަހުރުވެރިވާ ފަދަ ބޭފުޅުން ކަމަށާއި، އެއީ ފަސްބައި ސާފު، ތައުލީމީ، ގާބިލް ބޭފުޅުންނަށް ވެގެންދާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.
”އަޅުގަނޑު އެދޭ ސްޕީޑުގައި އެކަންކަން ކުރުމަށް ރެއާއި ދުވާލު މަސައްކަތް ކުރެވޭ ފަދަ ބޭފުޅުން.“
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގައި ވެސް އެކަން އޮންނާނީ އެގޮތަށް ކަމަށެވެ.
