މި ރާއްޖޭގައި ކުރުމަށް، އެމަނިކުފާނު ވައުދުވެވަޑައިގަންނަވާ ކަންކަމަކީ ކުރެވޭނެ ކަންކަން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ލ.ގަމުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ، އެ އަތޮޅިގައި ހިންގާނެ މަޝްރޫޢުތައް ވެސް ކުރިން ވާނީ ބަޔާންކުރައްވައިފައި ކަމަށާއި، ދެއްވާ ޔަގީންކަމަކީ އެކަންކަން އެގޮތަށް ކޮށްދޭނެ ކަމުގެ ޔަގީންކަން ކަމަށެވެ.
”އޭގެ އިތުރުން މިރަށުގައި މިހާރު އޮތް ބަނދަރުގެ އިތުރުން އިރު އުތުރުގައި އިތުރު ބަނދަރެއް ހަދާނަން.“
”މި ރާއްޖޭގައި ކުރުމަށް އަޅުގަނޑު ވަޢުދުވާ ކަންކަމަކީ ކުރެވޭނެ ކަންކަން. އިގްތިޞާދު ހަމައަކަށް އަޅުވައިގެން، އާމްދަނީ އިތުރުކޮށް ކުރިއެރުންތައް ގެނުވައިގެން މި ހުށައަޅާ ކަންކަން ކުރެވޭނެ.“
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޤައުމީ ބަހާތައް ޙިމާޔަތްކުރުން އެންމެ އިސްކަމަކަށް ހައްދަވާނެ ކަމަށާއި، މިއަދު ފެންނަނީ ތުއްތު ކުދިންގެ ހިތްތަކުގެ ތެރޭގައި ދިވެހި ބަހަށް ދޭ އިސްކަން ކުޑަކުރުމަށްޓަކައި ސިސްޓަމެޓިކަލީ ކަންކަން ރޭވެމުން ދާތަން ކަމަށެވެ.
”އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދޭން މަސައްކަތްކުރުމަކީ އާދައިގެ ކަމެއްނޫން.“
އެއީ ކުޑަކުދިންގެ ހިތްތަކުން ޤައުމިއްޔަތު ފޮހެލުމަށް ހިންގޭ ބޮޑު މަސައްކަތެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
