އެމްޑީޕީއާއިއެކު ކޯލިޝަން ހެދި އެމްޑީއޭއިން، އެންމެ ފަހު ވަގުތު ކޯލިޝަން ރޫޅާލައިފިއެވެ.

އެ ޕާޓީއިން މިގޮތަށް ނިންމީ އެޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ރިޔާސަތުގައި އިންނަވައިގެން މިރޭ ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމުގައެވެ.

ސިޔާމްގެ ޕާޓީން ރައީސް ސޯލިހާއި ފެޔަށް ޖެހިފައި މިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް އެންމެ ތިން ދުވަހަށް ވެފައިވަނިކޮށެވެ.

މިބައްދަލުވުމުގައި އެމްޑީއޭއިން އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލުމަށްފަހު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ހުށަހެޅީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސްއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފެވެ.

ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުން ވޯޓު ދެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމި ނިންމުން ބަދަލުކޮށް، ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް، މުއިއްޒަށް ތާއީދުކުރުމަށެވެ.

މިހާރު އެމްޑީޕީއާއިއެކުގައި ކޯލިޝަން ހަދާފައިވަނީ، އަދާލަތު ޕާޓީ އެކަންޏެވެ.