އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، އެމަނިކުފާނު އިންތިޚާބުކޮށްފިނަމަ، އެންމެ ފުރަތަމަ ވެސް ފައްޓަވާނީ ޤައުމީ މަސައްކަތް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި، ރޭ އައްޑޫ ސިޓީ ހުޅުދޫގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޤައުމުގައި މިނިވަންކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށާއި، ޤައުމުގެ ކަންކަމުގައި ބަސްބުނުމުގެ އަމިއްލަވަންތަ ކަމެއް ވެސް ނެތް ކަމަށެވެ.

”ބޭރު ސިފައިން މިތާ ތިބި ވާހަކަ ރައީސުލްޖުމްހޫރިއްޔާ ވެސް އެބަ ވިދާޅުވޭ. އަދި އެކި މަގާމްތަކުގައި ތިބި މީހުން އެކި ދުވަހު އެކި ގޮތަށް އެވާހަކަ އެބަ ދައްކަވާ. އެއްވެސް ކަމެއްގައި ދިވެހިންގެ ބާރެއް ނެތްކަން އެދަނީ ފެންނަމުން. އެހެންކަމުން ކޮންމެ ޕާޓީ އެއްގައި ހުއްޓަސް ޤައުމު އިސްކޮށްގެން ދިވެހީންގެ ރާއްޖެ އަނބުރާ ހޯދުމަށް ވޯޓު ދެއްވަންޖެހޭ.“ އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެމަނިކުފާނަށް އިތުބާރު ކުރައްވައި، އިންތިޚާބު ކޮށްދެއްވައިފިނަމަ މިނިވަންކަން ޔަގީންކޮށްދެއްވާނެ ކަމަށާއި، އެއަށްފަހު ޤައުމުގެ އިގްތިޞާދު މިނިވަންކޮށްދެއްވާނެ ކަމަށެވެ.

”މިއަދު ދަރަނިތައް މިއޮތީ ފުނިޖެހިފައި. މިހާރު ދަރަނީގެ ގޮތުގައި 114 ބިލިއަން ދިވެހި ރުފިޔާ ވަނީ އަރާފައި. ކުންފުނިތަކުގެ ދަރަނި ލައިފިނަމަ 146 ބިލިއަން ދިވެހި ރުފިޔާ. މީގެ ދެބައި ކުޅަ އެއްބަޔަކީ ވަކި ޤައުމަކުން އެކަނި ނަގާފައިވާ ދަރަނި. އަޅުވެތި ވާނީ މިވަރަށް.“

މިއީ އިންތިޚާބުގެ ކުރިން މާލެ ސިޓީއިން ބޭރުގައި ރައްޔިތުންނާއި އެކު ބޭއްވޭ އެންމެ ފަހު ބައްދަލުވުންކަން ފާހަގަކުރައްވައި، މުޢިއްޒު ވިދާޅުވީ، އެންމެ ފަހު ވާހަކައަކަށް ވެސް ދަންނަވަން އޮތީ ގައުމީ ވާހަކަ ކަމަށެވެ.

”އަޅުގަނޑު އިންތިޚާބު ކޮށްފިއްޔާ އެންމެ ފުރަތަމަ ވެސް ފަށާނީ ޤައުމީ މަސައްކަތް. މިނިވަންކަމަށް ވުރެ މުހިންމު މަސައްކަތެއް ނެތް.“

އެމަނިކުފާނު ވިދާޅުވީ،ވބްރިޖާއި މަސްފެކްޓަރީތައް ވެސް އެޅިދާނެ ކަމަށާއި، ނަމަވެސް އެ މަޝްރޫޢުތަކަށް ވުރެ މިނިވަންކަން މާ މުހިންމު ކަމަށެވެ.