ހުރިހައި ރައްޔިތުންނަކީ ވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭ ފުދުންތެރި ބަޔަކަށް ހައްދަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިގޮތަށް ވިދާޅުވެފައި ވަނީ، މިއަދު އެމްޕީއެލް ސަރަހައްދަށް ވަޑައިގެން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

”މިތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ގެނެސްދޭނަން.“ މުއިއްޒު ވިދާޅުވިއެވެ.

 

މުވައްޒަފުންގެ ކަންބޮވުންތައް ހައްލު ކުރުމަށް، މަސައްކަތުގެ މާހައުލާއި އިމާރާތުގެ ފެންވަރު ރަނގަޅު ކޮށްދީ ޕާކިންގ އަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

”ޔަގީންކުރަނީ އެކިއެކި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް އަޅުގަނޑު ދައްކާ ވާހަކައަށް އިތުބާރު ކުރައްވާނެ ކަމަށް“

މުއިއްޒު މިއަދު ވެސް ވަނީ، މާލޭގައި ވިޔަސް ރަށެއްގައި ވިޔަސް ސިޔާސީ މަގާމް ތަކުން ފިޔަވައި، އެހެން އެއްވެސް ވަޒީފާއަކުން މީހަކު ވަކި ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

”އިތުރު ވަޒީފާތައް އުފައްދާ އާމްދަނީ އިތުރުވާނެ ގޮތް ހަމަޖައްސައިދޭނަން“

މުއިއްޒު އިތުރަށް ވިދާޅުވީ، ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދޭނީ، އާމްދަނީ އިތުރު ކުރެވިގެން ކަމަށެވެ.