ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓު އަހުމަދު ސަލީމް( މާޒް ސަލީމް) އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ކެމްޕެއިނާ ގުޅިވަޑައިގެންފިއެވެ.
މި މަހުގެ 9 ވަނަ ދުވަހު، ބޭއްވި ރިޔާސީ އިންތިހާބުގައި ހަތަރު ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައި ވަނީ އުމަރު ނަސީރެވެ. އޭނާ ވަނީ 6،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ.
މާޒް ސަލީމްގެ ނިންމެވުމާއި ގުޅޭގޮތުން އުމަރު ވިދާޅުވީ، އޭނާގެ ލަފަޔަކަށް އެއްސެވި ނަމަ، ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ވިދާޅުވީސް ކަމަށެވެ. އުމަރާއެކުގައި މަސައްކަތް ކުރެއްވި ކޮންމެ ބޭފުޅަކީ ވެސް މިނިވަން ބޭފުޅެއް ކަމަށާއި، ކޮންމެ ނިންމެވުމެއް ނިންމެވިޔަސް، އެކުވެރިކަން އޮންނާނެ ކަމަށް ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، އޭނާގެ ނިންމެވުން ވަރަށް ސާފު ކަމަށާއި، އެއީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުން ކަމަށެވެ.
