އަވަށްޓެރި އިންޑިއާގައި، އެ ގައުމުގެ ސަރުކާރާއި ގާާތް ގުޅުމެއް ބާއްވަވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ކުރިއަށް އެބަދެއެވެ.

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އެކްޓިވިސްޓުން މީސްމީޑިއާގައި ”ސޯލިހު ފޮރ މޯލްޑިވްސް“ މި ޝިއާރު ބޭނުންކޮށްގެން ވެސް އަންނަނީ ކެމްޕެއިން ކުރަމުންނެވެ.

ދިވެހީން ބޭސް ފަރުވާގެ ހިދުމަތް ހޯދުމަށް ގިނައިން ގޮސް އުޅޭ އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމުގައިވާ ކެރެލާގެ ތުރިވަނަމްތަޕޫރަމް ނުވަތަ ޓްރިވެންޑްރަމް ސިޓީގެ އެކި ހިސާބުތަކުގައި ރައީސް ސޯލިހުގެ ކެމްޕެއިން ޕޯސްޓަރުތައް ހަރުކޮށްފައިވާއިރު، އިދިކޮޅު ކެންޑިޑޭޓްގެ އެއްވެސް ޕޯސްޓަރެއް ފެނިފައެއް ނުވެއެވެ.

މިވަގުތު އެތަނުގައި ހުރި މީހަކު ބުނީ، އެ ސަރަހައްދުގައި އުޅޭ އޮޓޯ ޑްރައިވަރުން ވެސް، ރާއްޖެއަށް އެންމެ ރަނގަޅު ވާނީ ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުން ކަމަށް ދިވެހީން ކައިރީގައި ބުނަމުންދާ ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ވާގިވެރިވާ މައްސަލައިގައި، ސަރުކާރަށް ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ދެ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވުމުގެ ނަމުގައި އެ ގައުމުގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން ދަނީ، އެކަމަށް ދިވެހި ޕައިލެޓުން ތަމްރީނު ކުރަން ވެފައިވާ އެއްބަސްވުމާއި ހިލާފަށެވެ.

މީގެއިތުރުން، އުތުރުތިލަފަޅުގައި އިންޑިއާގެ އަސްކަރީ ބަނދަރު ތަރައްގީ ކުރަން ވެފައިވާ އެއްބަސްވުން ވެސް ސަރުކާރުން ސިއްރު ކޮށްފައިވާއިރު، އެފަދަ އެއްބަސްވުންތައް ހާމަކޮށްފިނަމަ، ރާއްޖޭގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަކީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ވައުދެކެވެ. މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، ވެރިކަން ލިބިވަޑައިގެންފިނަމަ، އެންމެ ފުރަތަމަ ވެސް ކުރައްވާނެ އެއް ކަމަކީ ބޭރުގެ ސިފައިން ރާއްޖެއިން ފޭބުމަށް އެންގެވުން ކަމަށެވެ.

ިރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، އަންނަ ހޮނިހިރު ދުވަހުއެވެ.