އިދިކޮޅު ލީޑަރު، ރައީސް ޔާމީން ރާއްޖެއަށް ގެނެސްދެއްވި ހަލުވި ތަރައްގީ އިޔާދަ ކުރެވޭނީ، ދިވެހީންގެރާއްޖެ އަލުން ލިބިގެން ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން، ފާތިމަތު އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.

މެޑަމް ފާތުން މިހެން ވިދާޅުވެފައި ވަނީ، ޗެނަލް13 މެދުވެރިކޮށް މިރޭ ދެއްވި ހާއްސަ މެސެޖެއްގައެވެ. މިއީ ރައީސް ޔާމީންގެ ވެރިކަން ނިމުނުފަހުން، އެކަމަނާ ދެއްވާ މިފަދަ ފުރަތަމަ މެސެޖެވެ.

މެޑަމް ފާތުން ވިދާޅުވި ގޮތުގައި، މި މަހުގެ 30 ވަނަ ދުވަހު ނަގާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓާއި، ރައީސް ޔާމީންގެ މިނިވަންކަން ވަނީ ގުޅިފައެވެ.

”(މި ވޯޓަކީ) ރައީސް ޔާމީނަށް އަވަސް، އިންސާފުވެރި، ޝަރީއަތެއް ލިބި، އެމަނިކުފާނަށް ލިބެމުންދާ އަނިޔާއިން ސަލާމަތް ކުރެވެން އޮތް ފަހި މަގު.“ އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ފާތުން ވިދާޅުވީ، ރައީސް ޔާމީންގެ ގައުމީ މަސައްކަތްޕުޅުގައި ބައިވެރިވުމަށް، ރައްޔިތުންނަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއަށް ވޯޓު ދިނުން ކަމަށާއި، މި ވޯޓުގެ ނަތީޖާއަކަށް ވެގެންދާނީ، ދިވެހީންގެރާއްޖެ އަލުން އަނބުރާ ދިވެހީންނަށް ލިބުން ކަމަށެވެ. އަދި ރައީސް ޔާމީން ފެއްޓެވި ގައުމީ ތަރައްގީ އިޔާދަވުން ކަމަށެވެ.