ރިޔާސީ ކެމްޕެއިނުގައި އެމްޑީޕީގެ ސަރުކާރުން ކުޅުނު އެންމެ ފަހު ކާޑަކީ ”ދޮންމަންމަ“ ކާޑު ކަމަށާއި، އެ ކާޑު ވެސް ފެއިލް ވެއްޖެ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ުމުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރެއްވި އަލީ ޒައިދު މިހެން ވިދާޅުވެފައި ވަނީ، ސަރުކާރު ޕްރޮމޯޓް ކުރާ ބައެއް މީޑިއާތަކުން، މުއިއްޒު އެމަނިކުފާނުގެ ދޮންމަންމައާއި ދޭތެރޭގައި ކަންތައް އަމަލު ކުރެއްވި ގޮތް ކަމަށް ބުނެ، ވީޑިއޯ ރިޕޯޓެއް އާއްމު ކުރުމުންނެވެ. މި ވީޑިއޯ ރިޕޯޓު އާއްމު ކުރުމުން، ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

މިކަމާއި ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޒައިދު ވިދާޅުވީ، މިއީ ގޯހުން ގޮސްފައިވާ ކަމެއް ނަމަ، ފަސް އަހަރުގެ ދައުރު ނިމުނުއިރު، ސަރުކާރުން އެކަމާ ފިޔަވަޅު އެޅީސް ކަމަށެވެ.

”އެކަމަކު ނާޅާ، ވޯޓަށް މި ކާޑު ކުޅުމުން، ބަލައިގަންނަ އެކަކު ވެސް ނެތް.“

ޒައިދު އިތުރަށް ވިދާޅުވީ، މިހާރު ފެންނަމުންދަނީ މުއިއްޒުއަށް ތާއީދު އިތުރުވަމުން އަންނަ މަންޒަރު ކަމަށެވެ.