އެމަނިކުފާނާއި ދެކޮޅަށް ވާދަވެރިންނަށް ދެއްކޭނެ ހަގީގީ އެއްޗެއް ނޯންނާނެ ކަމަށާއި، ހަދަން ޖެހޭނީ ”ފޭކު“ ވީޑިއޯއާއި އޯޑިއޯ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ”ރައްޔިތުންގެ ގާތަށް“ މި ނަމުގައި، ސަލްޓަން ޕާކުގައި، ރައްޔިތުންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށް ގެންދެވި ޝޯގައެވެ.

މުއިއްޒުގެ އަބުރުފުޅު ކަތިލުމަށް ސަރުކާރު ޕްރޮމޯޓް ކުރާ ބައެއް މީޑިއާތަކުން ފަތުރަމުން އަންނަ އޯޑިއޯތަކާއި ވީޑިއޯތަކަށް ސީދާ ރައްދެއް ނުދެއްވަނީ ކީއްވެތޯ މީހަކު ސުވާލު ކުރުމުން، ޖަވާބުގައި މުއިއްޒު ވިދާޅުވީ ވާދަވެރިން ވެއްޓޭ ދަށު ދަރަޖައަށް އެމަނިކުފާނު ވެއްޓިވަޑައިގަންނަވަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެމަނިކުފާނަށް އަމިއްލަ ނަފްސަށް އިތުބާރު އެބައޮތް ކަމަށެވެ.

”އަޅުގަނޑަށް އަމިއްލަ ނަފްސަށް އިތުބާރު އޮތިއްޔާ، އަޅުގަނޑު ކީއްކުރަންތޯ އެކަމާ ތެޅިގަނެގެން، ކޮންމެހެން، އެމީހުން ވެއްޓޭ ލެވެލްއަށް، އެމީހުންނަށް ޒާތީ ވާންވީ؟“ މުއިއްޒު ސުވާލު ކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ވާދަވެރިންނަށް ޖެހިވަޑައިގަންނަވާނީ، އެމަނިކުފާނާއި ދެކޮޅަށް އެކި ވާހަކަތައް ”ފެބްރިކޭޓް“ ކުރަން ކަމަށާއި، ހަގީގީ ވާހަކައެއް ނުވަތަ އެއްޗެއް، ދެކޮޅަށް ނުދެއްކޭނެ ކަމަށެވެ.

ި