ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ ދޮންމަންމާފުޅަށް ކަމޭހިތްތެވި މިންވަރު، އަނބިކަނބަލުން، ސާޖިދާގެ ވާހަކައިން ހާމަވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އިއްޔެ ދ. މީދޫގައި ބޭއްވި ޖަލްސާއެއްގައި މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ ވިދާޅުވީ، އާއިލީ މައްސަލަތަކުގެ ވާހަކަ އާންމު ތަންތަނުގައި ދައްކަން މުއިއްޒު ބޭނުންނުވި ނަމަވެސް، ފިރިކަލުންގެ ދިފާއުގައި އެ ވާހަކަ ދައްކަން އޭނާއަށް މަޖުބޫރުވެއްޖެ ކަމަށެވެ.
ސްރީލަންކާއަށް ނިސްބަތްވެވަޑައިގަންނަވާ ސްކީލަން ހުސެއިން ދިރިއުޅުއްވީ މާލޭގައި މުއިއްޒުމެންގެ މ. ދިމްޔާތުގައެވެ.
މުއިއްޒުގެ ބައްޕާފުޅު ޝައިހް ހުސައިން އަބްދުއްރަހުމާން އަވަހާރަވުމުން ސްކީލަން އެނބުރި ލަންކާއަށް ވަޑައިގަތެވެ.
އެބޭފުޅާ އަމިއްލަ ގައުމަށް ވަޑައިގެންނެވީ، ތަރިކަ މުދާ ބެހުމުގެ މައްސަލަ ފެމިލީ ކޯޓުން ނިންމި ފަހުންނެވެ.
މީދޫ ޖަލްސާގައި ސާޖިދާ ވިދާޅުވީ، ލަންކާގެ ކެންޑީގައި ހުރި، މުއިއްޒުގެ ބައްޕާފުޅުގެ ގެސްޓްހައުސްއާއި، ލަންކާގެ ބޭންކް އެކައުންޓްތަކުގައި ހުރި ހުރިހާ ފައިސާއެއްވެސް، އޭގައި މުއިއްޒުގެ ހައްގު އޮވެމެ، ދޮންމަންމާފުޅަށް، އެދިވަޑައިގެންނެވި ގޮތަށް، ދެއްވި ކަމަށެވެ.
ކެންޑީގައި ހުންނާނެ ބައްޕަގެ ގެސްޓް ހައުސްއެއް. ކޮލަމްބޯގައި ހުންނާނެ ގެސްޓް ހައުސްއެއް. އަދި އޭގެ އިތުރުން ބައްޕަ ގަނޑުވަރެއްގެ ގޮތުގައި ކޮލަމްބޯގައި ހަދާފައި ހުރި ގެއެއް ހުންނާނެ. އަދި ބައްޕަ ނިޔާވެގެން އެކޮޅަށް ވަޑައިގަތުމުން މުއިއްޒު ގާތުގައި އެދުނީމާ 800،000 ރުފިޔާ ހަރަދުކޮށްފައި ބައްޕަގެ އެ ގޭގައި ޓެރަސް އަށް ކޮޓަރިއެއް އިތުރުކޮށް ހަދައިދިނީ މުއިއްޒުގެ ދެ އަތުން، މުއިއްޒުގެ އަމިއްލަ ލާރިން.“ ސާޖިދާ ވިދާޅުވިއެވެ.
ސާޖިދާ އިތުރަށް ވިދާޅުވީ ކޯޓުން މައްސަލަ ނިންމި ގޮތް އަދިވެސް ފެންނަން އޮންނާނެ ކަމަށާއި ހަގީގަތް އޮޅުވާ ނުލެވޭނެ ކަމަށެވެ.

މައްސަލަނިންމިގޮތްމިނޫހަށްފޮނުވައިދެއްވަބަލާ