”ދިޔަރެސް“ ނޫހުގެ ފޭކް ވެބްސައިޓެއް ހަދައިގެން، ސަރުކާރުން ރާވައިގެން ފިތުނަ އުފެއްދުމަށް ދޮގު ޚަބަރު ޝާއިއު ކުރަން ފަށައިފިއެވެ.

ދިޔަރެސް.ނެޓް ވެބްސައިޓަކީ ފޭކް ވެބްސައިޓެކެވެ. ދިޔަރެސްގެ އަސްލު ވެބްސައިޓުގައި އިންނަނީ ދިޔަރެސް.ކޮމްއެވެ. ދިޔަރެސް ހިންގުމުގައި އިސްކޮށް އުޅޭ އަހުމަދު އަޒާން ވަނީ، ފޭކު ނޫސް ހަދައިގެން ދޮގު ޚަބަރު ފަތުރަމުންދާކަން ފާހަގަކޮށްފައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ވެސް ވަނީ މިކަމަށް ސަމާލުވުމަށް ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.

ދިޔަރެސްގެ ފޭކު ވެބްސައިޓުގައި ވަނީ، އިދިކޮޅު ލީޑަރު ރައީީސް ޔާމީން އަބްދުލްގައްޔޫމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައިފައިވާ ކަމަށެވެ.

މި ޚަބަރު ދޮގުކޮށް، ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން، މިރޭ ނޫސްބަޔާނެއް ނެރުއްވައި، އެއީ ”ކަނޑައެޅިގެން ދޮގު ޚަބަރެއް“ކަން ޔަގީން ކޮށްދެއްވިއެވެ.

 

ރައީީސް ޔާމީންގެ ވަކީލުން ނެރުއްވި ނޫސް ބަޔާން

 

ދިޔަރެސްގެ ފޭކް ވެބްސައިޓެއް ހެދިއިރު، ރައީސް ޔާމީންގެ އަނބިކަނބަލުން، ފާތިމަތު އިބްރާހީމްގެ ފޭކް މެސެޖުތަކެއް ވެސް މިރޭ ދައުރު ކުރިއެވެ.