މިއަދު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރާ ކެންޑިޑޭޓަށް އިންތިހާބުވިކަމުގެ ރަސްމީ ލިޔުމެއް ދިނުމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ނިންމައިފިއެވެ.

އެކޮމިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރައްވައި، ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، މި ރިޔާސީ އިންތިހާބަކީ، އިންތިހާބުވާ ކެންޑިޑޭޓަށް ލިޔުމެއް ދިނުމަށް ނިންމި ފުރަތަމަ ފަހަރުކަމަށެވެ.

އެކަމަށްޓަކަިއ ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

”އެބޭފުޅަކު ހޮވިވަޑައިގެންނެވި ކަމުގެ ރަސްމީ ލިޔުން ރަސްމިއްޔާތެއްގެ ތެރެއިން އަޅުގަނޑުމެން އެ ކެންޑިޑޭޓަކާއި ހަވާލުކުރުން ކޮމިޝަނުން ނިންމާފައި އޮތީ.“ ހަބީބު ވިދާޅުވިއެވެ.

މިއަދު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއެވެ.