މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން، ނާކާމިޔާބީ ލިބިވަޑައިގެންފިނަމަ، ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނަންތޯ އެހުމުން ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު ޖަވާބެއް ނުދެއްވިއެވެ.

ރައީީސް ސޯލިހު ވޯޓުލެއްވުމަށް ފަހު ނުކުމެވަޑައިގެން، ނޫސްވެރިޔަކު އެ ސުވާލު ކުރުމުން، ޖަވާބު ނުދެއްވައި ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުން، އިންތިހާބުގެ ނަތީޖާ އިއުލާނު ކުރާއިރު، ކާމިޔާބު ލިބިވަޑައިގަންނަވާނެއެވެ.

”އަޅުގަނޑަށް ކާމިޔާބު ވާތަން ފެންނަނީ، އެއަކު ނެތް އެއްވެސް މައްސަލައެއް.“ ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިންތިހާބުގެ މި ބުރުގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ، ފުރަތަމަ ބުރުގައި ވޯޓު ނުލާ މީހުން، ވޯޓުލާން ނެރުމަށް ކަމަށެވެ.

އަދި ވަކި އިންސައްތައެއް ދަންނަވަން އެނގިވަޑައިނުގެންނެވިޔަސް، ކާމިޔާބުވާނެކަން ޔަގީން ކަމުގައި ވެސް ވިދާޅުވިއެވެ.