އެއްވެސް ފަރާތަކުން މިދަނޑިވަޅުގައި އެމްޑީޕީގެ އެއްވެސް މެމްބަރަކަށްވެސް އެމްޑީޕީގެ ސަޕޯޓަރަކާއި ދިމާލަށްވެސް ބަދުބަސް ބުނެ ފުރައްސާ ނުކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިކަމަށް އެދިވަޑައިގަތީ، ރިިޔާސީ އިންތިހސަބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޮޑުތަނުން ބަލި ވުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ މިވަގުތު އެއްވެސް ބޭފުޅަކު އެމްޑީޕީގެ މެމްބަރުންނަށް ފުރައްސާރަކޮށް ބަދު ބަސް ނުބުނުމަކީ ވަރަށް އެދޭ ކަމެއް ކަމަށެވެ.

”އެއްވެސް ފަރާތަކުން އެމްޑީޕީގެ މެމްބަރުންނާއި، ސަޕޯޓަރުނަށް ބަދުބަސް ބުނެ ފުރައްސާ ނުކުރުމަށް ވަރަށް އެދެން. ރުޅިވެރިކަން އިސްކުރުމަކީ ބުއްދިވެރި ކަމެއްނޫން.“ ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ޑިމޮކްރެޓްސް އިން، މި އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވި ނަމަވެސް، އެ ޕާޓީގެ ގިނަ މެމްބަރުން ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރިއެވެ.