އިދިކޮޅު ލީޑަރު ރައީސް ޔާމީން ގެއަށް ބަދަލު ކުރަން ސަރުކާރުން ނިންމައިފިއެވެ.
އެމަނިކުފާނު ގެއަށް ބަދަލު ކުރަން ނިންމީ، އެމްޑީޕީ މި އަހަރުގެ ރިޔާސީ އިންތިހާބުން ބޮޑުތަނުން ބަލި ވުމުންނެވެ.
ސިއްހީ ހާލުކޮޅު ހުރި ގޮތުން، ރައީީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވަން ދެ ހަފްތާ ކުރިން ވެސް އެދިވަޑައިގަތެވެ. ނަމަވެސް ސަރުކާރުން އެކަން ކޮށް ނުދިނީއެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނީ ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރަނީ ވަގުތީ ގޮތުން ކަމަށެވެ.
އަދިވެސް އެ މަނިކުފާނު ހުންނެވީ ޖަލު ހުކުމެއްގައި ކަމަށްވާތީ އަމަލު ކުރަމުން ގެންދާނީ ގައިދީންނާމެދު އަމަލު ކުރާ އުސޫލުގެ މަތިންނެވެ.
ރައީސް ޔާމީން ދެކިލުމަށް، ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެމަނިކުފާނުގެ ގެކޮޅު، ހ.ދޫވެހި ކައިރިއަށް އެއްވެފައެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް 126,395 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 108,478 ވޯޓެވެ.
އިންތިހާބީ ރައީސް އެންމެ ފުރަތަމަވެސް، ސަރުކާރަށް ގޮވައިލެއްވީ، ރައީީސް ޔާމީން ގެއަށް ބަދަލު ކުރުމަށެވެ.
