މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނަވައި، ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި ޑރ.މުހައްމަދު މުއިއްޒު، ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ބަލިކޮށް، އެ ހޯއްދެވީ ފަހުރުވެރި ކާމިޔާބީއެކެވެ.

އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު ހުށަހެޅުއްވީ، މިދިޔަ އޯގަސްޓް މަހުގެ ހަތް ވަނަ ދުވަހުއެވެ. އޭގެ މާ ކުރިން، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންދެވީ ކެމްޕެއިން ކުރައްވަމުންނެވެ. ރާއްޖޭގެ އެތައް ރަށަކަށް ދަތުރުފުޅު ކުރައްވަމުންނެވެ. އިންތިހާބާއި ދިމާކޮށް އެތައް ވައުދުތަކެއްވެ، އެތައް ބަޔަކަށް ވަޒީފާ ވެސް ދެމުން ދިޔައެވެ.

ނަމަވެސް ވަޒީފާއާއި ފައިސާގެ ބޮޑެތި ހުށަހެޅުންތަކަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެ، ނިންމީ، ”އިބޫ ނޫން ގޮތެއް“ ބޭނުންވާ ކަމެވެ.

އައްޑޫ ސިޓީ އާއި އއ. އަތޮޅު ފިޔަވައި ހުރިހާ އަތޮޅަކާއި ސިޓީއެއްގެ މެޖޯރިޓީ މުއިއްޒު ހޯއްދަވައި ތާރީހުގެ ސަފްހާތަކުން ޖާގަ ހޯއްދެވިއެވެ.

ކުޑަ ޕާޓީ ކަމަށް ވިދާޅުވެ، ޕީއެންސީއަށް ރައީސް ސޯލިހާއި އެމަނިކުފާނުގެ ސަޕޯޓަރުން ކުރި މަލާމާތަށް އެއްވެސް ރައްދެއް ނުދެއްވައި، އިންތިހާބުގެ ނަތީޖާއިން ”އަސްލު ސައިޒު“ ދައްކާލީއެވެ.

އެހާ ކުރު މުއްދަތެއްގެ ތެރޭގައި ކުރެއްވި، ބުރަ މަސައްކަތުގެ ނަތީޖާ އިން މުއިއްޒު ވެފައި ވަނީ ރިޔާސީ އިންތިހާބެއްގައި ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި ބޭފުޅާއަށެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި މުއިއްޒު ވަނީ 129،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. އެއީ ވޯޓު ދިން މީހުންގެ %54 ވޯޓެވެ. މުއިއްޒާ ވާދަކުރެއްވި ރައީސް ސޯލިހަށް ހޯއްދެވުނީ 109،000 އަށް ވުރެ ގިނަ ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ %46 ވޯޓެވެ.

ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރައްވައި، ސިނަމާލެ ބްރިޖާއި، ހިޔާ މަޝްރޫއު ފަދަ ބިޔަ ޕްރޮޖެކްޓްތައް ހިންގެވި ވަޒީރު، މިއަދު ރާއްޖޭގެ ވަލިއްޔުލްއަމްރުގެ މަގާމުގައި ހުންނެވުމުން، އުއްމީދުގެ ހުޅުކޮޅު އަލުން ދިއްލިއްޖެ ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ. ރިޔާސީ ކެމްޕެއިން ތެރޭގައި މުއިއްޒު ވިދާޅުވި ފަދައިން، މިއަދު އަލިވިލިގެން މިދިޔައީ ދިވެހީންގެ ރާއްޖެއަކަށެވެ.