ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ނުކެރޭނެ ކަމަށާއި، އޭނާ ވެސް އެކަމާ ދެކޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވި މޫސަ އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ވެރިކަމުގެ ނިޒާމު ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ކަމަށެވެ.
”އެއީ ރިޔާސީ ނިޒާމް. ވެރިކަން ކުރަންނޭނގޭ މީހަކަށް ފިޓުވާ ގޮތަށް ކޮންމެ ނިޒާމެއް ގެނަޔަސް، ރަސްކަމެއް ހަވާލު ކުރިޔަސް ނުުކުރެވޭނެ. ހުރިހާ ދުއްތުރާލެއް ޖެހޭނީ ގައުމަށް. ބަރުލަމާނީ ނިޒާމާ ދެކޮޅަށް މިހިރީ، ލާހިކެއް ނޫން ގެންނާކަށް.“ މޫސަ ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު އެއޮތީ ޤއ ގައި ކަނޑައޅާފަ. އެއީ ރިޔާސީނިޒާމް ، ވެރިކަންކުރަންނޭނގޭ މީހަކަށް ފިޓުވާގޮތަށްކޮންމެނިޒާމެއްގެނަޔަސް ރަސްކަމެއްހަވާލުކުރިޔަސް ނުުކުރެވޭނެ، ހުރިހާދުއްތުރާލެއް ޖެހޭނީ ޤައުމަށް،
ބަރުލަމާނީ ނިޒާމާ ދެކޮޅަށް މިހިރީ ލާހިކެއްނޫންގެންނާކަށް
— Moosa Maniku (Reeko) (@ReekoMoosa) October 1, 2023
ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ގާނޫނު އަސާސީއަށް އިތުރު އިސްލާހެއް ގެނައުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާވަލު ވަނީ ތާވަލު ކޮށްފިއެވެ.
ރައީސްގެ ބައިވެރިވުން ނުހިމެނޭހެން މަޖިލީހުން އަމިއްލަ އަށް ނިޒާމީ ވޯޓު ނެގޭނެ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ގަރާރު ހުށަހެޅުއްވީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުންނެވެ.
އެ މާއްދާގެ (ށ) ގައިވާ ގޮތުން ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ފަރާާތްތަކުން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރި ނަމަވެސް، އެމްޑީޕީގެ ބައެއް ބޭފުޅުން ވެސް އެކަމާ ދެކޮޅުކަން ވަނީ ހާމަކުރައްވައިފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަނީ، މިދަނޑިވަޅުގައި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ދެކޮޅުކަން ހާމަކުރައްވައިފައެވެ.
