ސައުދީ އަރަބިއާގެ ސަރުކާރުން ވެސް އިންތިހާބީ ރައީސް، ޑރ.މުހައްމަދު މުއިއްޒުއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

އެ ގައުމުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުއިއްޒުގެ ސަރުކާރެއްގައި ރާއްޖެއާއި ސައުދީއާ ދެމެދު މިހާރުވެސް އޮތް ގުޅުން އެގޮތުގައި ދެމިއޮންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މުއިއްޒުގެ މަގާމުގެ ޒިންމާތައް ފުރިހަމައަށް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް ޕޯސްޓުގައިވެއެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ރާއްޖެއާ ސައުދީއާ އެކު ގާތް ގުޅުމެއް އޮތެވެ. އެ ގައުމާއިއެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 17 މާޗު 1981 ގައެވެ.