ބަދަލު ހިފުން ނިމުމަކަށް ގެނެސް، އިންސާފުވެރިކަމާއި ހަމަހަމަކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ވެވަޑައިގެންނެވި ވަޢުދު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހުގައި، ފުރަތަމަ ފަހަރަށް ރައްޔިތުންނާއި ބައްދަލުކުރައްވަވައި، ޑރ.މުޙައްމަދު މުޢިއްޒު ތަކުރާރު ކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ ރޭ، ސޯޝަލްސެންޓަރުގައި، ރައްޔިތުންނާއި މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އިންތިޚާބީ ރައީސް ވިދާޅުވީ، ޤައުމަށް ހަމަޖެހުން އަންނަންޖެހޭ ކަމަށާއި، އެކަމަށްޓަކައި ބަދަލު ހިފުމުގެ ރޫޙު މުޅިން ނެތިގެން ދިޔުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމުގައެވެ. ރިޔާސީ ކެމްޕެއިނުގައި، ޢަދުލުވެރިކަމާއިއެކުގައި ވެރިކަން ކުރައްވަވާނެ ކަމަށް ވެ ވަޑައިގެންނެވި ވަޢުދު ތަކުރާރު ކުރައްވަވައި ”ހަމަހަމަ ކަމާއި، އިންސާފުވެރިކަމާއިއެކު“ ޚިދުމަތް ކުރައްވާނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

”އެއީ އަޅުގަނޑު ވީ ވަޢުދަކީ، އެ ވަޢުދުމަތީގައި، އިރުއަރާ ކޮންމެ ދުވަހަކު އިރާދަކުރެއްވިއްޔާ، އަޅުގަނޑު ސާބިތުވެ ހުންނާނަން.“ މުޢިއްޒު ވިދާޅުވިއެވެ.

އިސްލާމީވަންތަ ކަންކަން ޤައުމުގައި ދިރުވަން އިސްކަން ދެއްވާނެކަން ފާހަގަކުރައްވައި، ކޮންމެ ޢީދެއްގައި ވެސް ރާއްޖޭގެ ވެރިކަން ކުރާ ރަށްރަށުގައި ތަކުބީރުގެ އަޑު އިއްވައި، އިސްލާމީވަންތަ ގޮތަކަށް ޒީނަތްތެރި ކުރުމަކީ، އެމަނިކުފާނުގެ ވެރިކަމުގައި އަލަށް ފައްޓަވާނެ ކަމެއްކަން މުޢިއްޒު ފާހަގަކުރެއްވިއެވެ.