ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި، ބައެއް ކަންކަން ނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސަރުކާރަށް އަންގައިފިއެވެ.

އެ ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ވެރިކަން ހިންގުމަށް އާ ސަރުކާރަކުން ހަވާލުވުމުގެ ވަގުތު ކައިރިވަމުންދާ މި ދަނޑިވަޅުގައި ބައެއް ފަރާތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްލި ކަންތައްތަކެއް ކުރަން ނިންމާފައިވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި، ދައު ލަތާއި އިދާރާތަކާއި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފަސް ކަމަކަށް އިސްކަން ދިނުމަށް އެދޭ ކަމަށެވެ.

އެގޮތުން އޭސީސީން އެދެނީ މުޅިން އާ ޕްރޮޖެކްޓްތައް ނުފެށުމަށާއި، ހަރަދުތަކުގައި ކޮރަޕްޝަނަށް މަގުފަހި ވެދާނެ ގޮތަކަށް އަމަލު ނުކުރުމަށާއި ކުރަންޖެހޭ ހަރަދުތައް ފިޔަވައި އަލަށް ކަންކަން ނިންމައިގެން ހަރަދު ނުކުރުމާއި، ކުރިން ބަޖެޓް ކޮށްފައިނުވާ ނުވަތަ ޕްލޭން ކޮށްފައި ނުވާ އާ އެއްބަސްވުންތަކުގައި ސޮއިނުކުރުމަށާއި، ނިންމާ ނިންމުމެއްގެ ސަބަބުން ކޮރަޕްޝަންގެ އަމަލަކަށް މަގުފަހި ވާނެ ގޮތަކަށް ކަމެއް މެދުވެރިވެދާނެ އިހުތިމާލު އޮންނަ ނަމަ އެ ފަދަ ނިންމުންތައް ނުނިންމުމާއި، ލިޔެކިޔުން ރައްކާތެރިކަމާ އެކު ބެލެހެއްޓުމާ އެކު، ފައިސާ އާއި ވިޔަފާރީގެ މުއާމަލާތްތަކާ ގުޅުން ހުރި އެއްވެސް ލިޔެކިޔުމެއް ނައްތައި ނުލުމަށެވެ.

އޭސީސީން ވަނީ އެ ފަދަ އަމަލެއް ހިންގާ ކަމުގެ މައުލޫމާތެއް ލިބިއްޖެ ނަމަ އެ ކޮމިޝަނަށް ހިއްސާކުރަން އެދިފައެވެ.