ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް އިތުރު ވަގުތު ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެއެވެ.

ިއިލެކްޝަންސް ކޮމިޝަނުން މި ކަމަށް އެދިފައި ވަނީ، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި މިސިޓީގައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ގޮތުން ގިނަ ކަންތައްތަކެއް އެ ކޮމިޝަނުން ކުރަންޖެހޭކަން ފާހަގަކޮށްފައެވެ.

އެގޮތުން ވޯޓާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމާއި ވޯޓުލާ މީހުންގެ ރަޖިސްޓްރީ އެކުލަވާލުމާއި ވޯޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި ވޯޓާ ގުޅޭ ކަންކަމަށް ވަގުތު ބޭނުންވާ ކަމަށް ބުނެފައިވެއެވެ.

އަދކ މި އެންމެހާ ކަންކަމަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ މުއްދަތުތަކަށް ބަލާއިރު އެންމެ އަވަހަށް ވޯޓު ނެގުން ކުރިއަށް ގެންދެވޭނެ ތާރީހު މަޖިލީހަށް ފަހުން އަންގާނެ ކަމަށް ސިޓީގައިވެއެވެ.

މީގެ އިތުރުން ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވޯޓު ކަރުދާހުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ސުވާލުގެ އިބާރާތް އޮންނަންވީ ގޮތާއި ނިޒާމީ ވޯޓުގެ ގަރާރުގައި ގޮވާލާފައިވާ ކަންތަކާ އެއްކޮޅަށް ހުރި ހުއްޖަތްތަކާއި ދެކޮޅަށް ހުރި ހުއްޖަތްތަކުގެ މައުލޫމާތު ކަރުދާހެއްގެ އިތުރުން އިންތިހާބަށް ބޭނުންވާ ބަޖެޓުގެ ކަންކަން އަވަހަށް ފާސްކޮށްދިނުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފައެވެ.