ރާއްޖޭގައި އޮންނާން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީ، އެމްޑީޕީގެ ޤައުމީ މަޖިލީހުން ބޭއްވި ބައްދަލުވުމުގައި، އެ ޕާޓީއަށް ނިސްބަތްވާ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ”މޮޔަ ގޮވައިފި“އެވެ.
އެމްޑީޕީ ރިޔާސީ އިންތިޚާބުން ބަލިވުން ޖާބިރަށް ޤަބޫލެއް ނުކުރެއްވުނެވެ. ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ގޮތް ނިންމަން އެމްޑީޕީގެ ޤައުމީ މަޖިލީހުން ބޭއްވި ބައްދަލުވުމުގައި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުގެ ކާމިޔާބީ ޖާބިރު ސިފަކުރެއްވީ، އެމްޑީޕީއަށް ވޯޓުދިން އެއްލައްކަ ރައްޔިތުން ކަނޑުވުން ކަމަށެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުން ބަލިވި އެމްޑީޕީއަށް ވޯޓު ދިން ރައްޔިތުން ކަނޑުވެއްޖެ ކަމަށާއި، އެ ރައްޔިތުން ސަލާމަތް ކުރުމަށް މިރެއިން މިރެއަށް ވެސް ވެރިކަމުގެ ނިޒާމު ބަދަލު ކުރަންޖެހޭ ކަމަށެވެ.
”އެއްލައްކަ އަށްހާސް މީހުން ކަނޑުވެއްޖެ. އެ މީހުންގެ ހިތާމައިގައި އަޅުގަނޑުމެން ކޮޅަށް ތެދުވެ ރޯންވީ. ރޯންވީތޯ، ހޭނީތޯ؟ އަޅުގަނޑު މިހާރުން މިހާރަށް، މި ރިޕޯޓް ކުރަނީ، އެމްޑީޕީ މިރެއިން މިރެއަށް ވެރިކަމަށް އަންނަން ޖެހެއޭ.“
ޖާބިރު އެންމެފަހުން ކޯފާވެ، އެތަނުން ވެސް ނުކުމެވަޑައިގަތީއެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ދެކޮޅަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް އިން މަސައްކަތް ކޮށްފައި، ނަޝީދު އެދިވަޑައިގަންނަވާ ބަރުލަމާނީ ނިޒާމު ގެންނަން ތާއީދުނުކުރާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ނިންމާފައެވެ.
ޤައުމީ މަޖިލީހުން ވަނީ ބަރުލަމާނީއަށް ތާއީދު ނުކުރަން ނިންމައި، ޤަރާރެއް ވެސް ފާސްކޮށްފައެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން އެމްޑީޕީން ގޮތެއް ނިންމުމަށް ކުރިޔަށް ދިޔަ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި 90 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއިރު، އެ ތަނުގައި ވާހަކަ ދެއްކެވި ހުރިހައި މެމްބަރުން ކަހަލަ ގޮތަކަށް، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ދެކޮޅު ހެއްދެވިއެވެ.
