ދައުލަތުގެ އެއްވެސް ވަޒީފާ އަކަށް އަލަށް މީހުން ނުނަގަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަރުކާރުގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި މުއިއްޒު ވިދާޅުވީ ސަރުކާރާ ހަވާލުވުމުގެ ކަންކަން ވިލަރެސް ކުރަމުންދާއިރު މި މަސައްކަތް އޮމާންކޮށް ކުރިއަށް ގެންދިޔުމަށްޓަކާ ރައީސް ސޯލިހުގެ ފަރާތްޕުޅުން ބައެއް ކަންކަމުގައި އެހީތެރިކަން ލިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެގޮތުން މުއިއްޒު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓްމެންޓެއް ނުކުރުމަށާއި ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އާ ހުއްދަތަކެއް ނުދިނުމަށާއި ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުނުކުރުމަށާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއި ނުކުރުން ހިމެނެ އެވެ.

މީގެއިތުރުން ޕީއެސްއައިޕީ އަދި އެހެންވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުމަށާއި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށާއި އަދި ދައުލަތުގެ އެއްވެސް ވަޒީފާ އަކަށް އަލަށް މީހުން ނުނެގުމާއި މަގާމުގެ ކުރިއެރުން ނުދިނުމަށް މި ސިޓީގައި މުއިއްޒު ވަނީ އެދިވަޑައިގަންނަވާފައެވެ.

މުއިއްޒު ވަނީ އާ ސަރުކާރާއި ބާރުތައް ހަވާލުކުރެއްވުމުގެ ކަންކަން އޮމާންކަމާއެކު ގެންދެވުމަށް ބޭނުންވާ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވީތީ ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވާފައެވެ.