އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދައުވަތު އަރުވަން މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އިންޑިއާގެ ”ދަ ހިންދޫ“ ނޫހަށް އިއްޔެ ދިން އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، އެ ރަސްމިއްޔާތަށް މޯދީ އަށް ދައުވަތު ދެއްވުމަށް މުޢިއްޒު ބޭނުންފުޅުވެއެވެ.
ނަޝީދު ވިދާޅުވީ މުއިއްޒަކީ ”އެންޓި-އިންޑިއާ“ އަދި ”ޕްރޯ-ޗައިނާ“ ބޭފުޅަކަށް ވެސް ނުވާނެ ކަމަށް އެ މަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
މުޢިއްޒު ވަނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އިޙްތިރާމް ކުރާ ކޮންމެ ޤައުމަކާއިއެކުގައި ވެސް ގާތް ގުޅުމެއް ބާއްވަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމަކީ ދިވެހީން އެދޭ ގޮތް ނޫންކަން، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، މުނޫ މަހާވަރަށް މުޢިއްޒު ދެންނެވިއެވެ. އެ ވާހަކަ އަދަބުވެރިކަމާއެކު ދެންނެވުމުން، އެކަމަށް އިޙްތިރާމް ކުރައްވާ ކަމަށާއި، އެކަމާ މަޝްވަރާ ކުރައްވާނެ ކަމަށް ސަފީރު ވިދާޅުވި ކަމަށް އިންތިޚާބީ ރައީީސްގެ އޮފީހުގެ އިންތިޤާލީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް މިއަދު ވިދާޅުވިއެވެ.
