ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ކުރިއަށް ގެންދެވޭނެ ގޮތެއް ނުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް އެޖެންޑާ ކޮށްފައިވަނީ 09:00 އަށެވެ. އެހެންނަމަވެސް ކޯރަމް ހަމަނުވުމުން ގަޑިއަށް ޖަލްސާ ފެށިފައެއް ނުވެއެވެ.

އެހެންކަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވީ ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ނުބޭއްވުމަށް ނިންމަވާ ކަމަށާއި، މަޖިލީހުގެ ޖަލްސާއެއް ދެން ބާއްވާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ދެ ސަފީރަކު ހަމަޖެއްސުމަށް ރައީސުލްޖުމްހުރިއްޔާ ފޮނުއްވާފައިވާ މައްސަލައަކާއި، މެޖިސްޓްރޭޓަކު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ފޮނުވާފައިވާ މައްސަލައަކާއި ސަރުކާރުން ހުށަހަޅާފައިވާ ބިލްތަކުގެ ބަހުސްގެ ނުނިމި ހުރި މަސައްކަތް ކުރުމެވެ.

މިފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ބޭނުންވާ ވަރަށް ކޯރަމް ހަމައެއް ނުވެއެވެ.