މި ސަރުކާރުން އޭނާ ނަހަމަ ގޮތުގައި ހޯދައިގެން އުޅެނީ ކޯޗެއްކަން ބުނެނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވިއިރު، މި ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ރޮޒައިނާ އާދަމާއި، އޭނާގެ ފިރިމީހާ، މަޖިލީހުހެ ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒަށް ގޯތި ލިބުމުން ގިނަ ބަޔަކު އެކަމަށް ފާޑު ކިޔާފައިވެއެވެ.

މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރޮޒައިނާ ވިދާޅުވީ، ދޮގު ވާހަކަތައް ނުފެތުރުމަށް އެދޭ ކަމަށާއި، އޭނާ ނަހަމަ ގޮތުގައި އެއްޗެއް ހޯދާފައި ނުވާ ކަމަށެވެ.

”އަޅުގަނޑު މި ސަރުކާރުން ނަހަމަ ގޮތުގަ އެއްޗެހިތަކެއް ހޯދައިގެން އުޅޭ ކަމަށް ކިޔައިގެން ވާހަކަ ދައްކާ އެއްވެސް ބަޔަކަށް ހޯދައިގެން އުޅޭ އެއްޗަކީ ކޯޗެއްކަން ބުނެއެއް ނުދެވޭ! ދޮގުހެދުން ހުއްޓާލާ!“ އޭނާ ވިދާޅުވިއެވެ.

ރޮޒައިނާއަށާއި، އޭނާގެ ފިރިމީހާއަށް ގޯތި ދިންއިރު، އެ ދެމަފިރިންނަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި އެކި އެކި ފިޔަފާރި ހިންގަމުންގެންދާ ދެބޭފުޅުންނެވެ. އަދި އެދެމަފިރިންނަކީ މާލޭގެ މަޝްހޫރު ދެއާއިލާ އަށް ނިސްބަތްވާ ދެބޭފުޅުންނެވެ.

އެގޮތުން ރޮޒައިނާ އަކީ ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކެއް ލިބޭ މަޝްހޫރު ޑޮނާޑް އާއިލާ އަށް ނިސްބަތްވާ ބޭފުޅެކެވެ. އަދި ނާޝިޒް އަކީ އަޙްމަދު ތަސްމީން އަލީގެ ކޮއްކޯފުޅެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މަޖިލީހުގެ 10 މެމްބަރަކަށް ގޯތި ލިބިވަޑައިގަތެވެ.