ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ މީޑިއާތަކުން ގުޅިގެން ހާއްސަ ޓެލެތޯނެއް ބާއްވަން ނިންމައިފިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ވައިސް ޗެއާމަން އާދަމް ނާއިފް ވިދާޅުވީ ޓެލެތޯން ފަށާނީ ހުކުރު ދުވަހު ކަމަށާއި މި ޓެލެތޯން މި މަހުގެ 17 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

އަދި މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގެ ބޭރުގައި ފަންޑު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށާއި މާލޭ ސަރަހަައްދުގެ އިތުރުން މުޅި ރާއްޖޭގައި އެ ހަރަކާތް ކުރިއަށް ގެންގޮސްދިނުމަށް ނާއިފް އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ހުކުރު ދުވަހު ކަނބަލުންގެ އެއްވުމެއް އާޓިފިޝަލް ބީޗު ސަރަހައްދުގައި އޮންނާނެ ކަމަށާއި އަދި ހުކުރު ދުވަހު ކާރު ސައިކަލު އެސޯސިއޭޝަންތަކުން ބާއްވާ އިވެންޓެއް ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ހޮނިހިރު ދުވަހުގެ ރޭ ހިމޭން އިހްތިޖާޖެއް އާޓިފިޝަލް ބީޗު ސަރަހައްދުގައި އޮންނާނެ ކަމަށް ނާއިފް ވިދާޅުވިއެވެ.