އިންތިޙާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެކީ މިއަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން ކަމަށް ޕީއެންސީގެ ޗެއަރޕާސަން  އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމުވެސް އަދާ ކުރައްވަމުން ގެންދަވާ ޢަބްދުއްރަޙީމް ވިދާޅުވީ މުޢިއްޒު ވެވަޑައިގެންފައިވަނީ އެމަނިކުފާނުގެ 5 އަހަރުގެ ދައުރު ތެރޭގައި ފުއްދޭ ވަރުގެ ވަޢުދުތަކެއް ކަމަށާއި، އެ ވެރިކަމުގެ ވަޢުދުތައް ނުފުއްދިގެން އިތުރު ފަސް އަހަރަށް ނޭދޭނެ ކަމަށެވެ.

”އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ މިއަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން ޑރ. މުޢިއްޒާއި އެކީގައި. މި ފަސް އަހަރު ނިންމާފައި ދެން އަންނަ ފަސް އަހަރަކަށް ޑރ. މުޢިއްޒު ގޮވައިގެން އަޅުގަނޑުމެން ކެމްޕެއިނަށް ދާނީ އަޅުގަނޑުމެން ވީ ވަޢުދުތައް ފުއްދާފައި.“ އޭނާ ވިދާޅުވިއެވެ.

އަބްދުއްރަޙީމް ވިދާޅުވީ އޭރުން ރައްޔިތުން 5 އަހަރު ފަހުން އެ ރަށަކަށްވީ ވަޢުދު ކޮބާތޯ ސުވާލު ނުކުރައްވާނެ ކަމަށެވެ.

އޭގެ ބަދަލުގައި ރައްޔިތުން އަހާނީ މިއަންނަ ފަސް އަހަރަށް ކޮންކަމެއްހޭ އެރަށަށް އޮތީ، އޭނާ ވިދާޅުވިއެވެ.