އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ދައުރު ކުރަމުންދާ މެސެޖުތަކަކީ ޙަޤީޤަތާ ޚިލާފު ފޭކް އެސްއެމްއެސްތަކެއްކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން ރޭހެ ވަގުތެއްގައި ނެރުނު ނޫސްބަޔާނެއްގައި ވަނީ، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި އެ މަނިކުފާނުގެ މޮބައިލް ނަންބަރުން ދައުރު ކުރަމުންދާ ތަފާތު އެކިއެކި އެސްއެމްއެސްތަކަކީ ޙަޤީޤަތާ ޚިލާފު ފޭކު މެސެޖުތަކެއް ކަމަށެވެ.
މިކަން ކުރަނީ ކޮންމެ ފަރާތަކުން ނަމަވެސް، މި ފަދަ ނާތަހުޒީބު ޢަމަލުތައް ނުކުރުމަށާއި، އެ ފަދަ މެސެޖެއް ލިބިވަޑައިގެންނެވި ނަމަވެސް އެއަށް ޢަމަލު ނުކުރުމަށް ނަސޭހަތްތެރިވާކަމަށް ބަޔާނުގައިވެއެވެ. އަދި ނާތަހުޒީބު ފިނޑި މި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް ޕީޕީއެމް ޕީއެންސީން ބުންޏެވެ.
އެ ކޯލިޝަނުން ވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ދައުރުކުރަމުންދާ އެސްއެމްއެސްތަކުގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދެއްވައި އެ ކަން ހުއްޓުވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ގޮވައިލައިފައެވެ.
މީގެ ކުރިން ވެސް މުޢިއްޒުގެ ނަންފުޅުގައި ފޭކު މެސެޖުތަކެއް ދައުރު ކޮށްފައިވެއެވެ.
