އިޒްރޭލުގެ ޔަހޫދީން ދެމުންދާ ލާއިންސާނީ ހަމަލާތަކާ ދެކޮޅުކަން ހާމަކޮށް، ފަލަސްތީނާ އެކު ދިވެހިން ތިބިކަން މިއަދު ދައްކާލައިފިއެވެ.
ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، މާލެ އާއި ގިނަ ރަށްރަށުގައި މިއަދު ހަވީރު ވަނީ ބޮޑު އެއްވުމެއް ބާއްވާފައެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އިންތިޒާމްކޮށް ކުރިއަށް ގެންދާ ”ދިވެހިން ފަލަސްތީނާ އެކު“ ހަރަކާތުގެ ދަށުން ވަނީ މިއަދު ހަވީރު މާލޭގެ ރަސްފަންނުން ފެށިގެން މަޖީދީމަގުގައި ސައިކަލު ބުރެއް ބާއްވައިފައިވާއިރު، މި ހަރަކާތަށް ފަހު އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ވަނީ ފަލަސްތީނުގެ ތާރީހާއި އެ ބިމަށް ޣައިރު މުސްލިމުން ވެރިވެގަންނަށް އެކި ދުވަސްވަރު ކުރި މަސައްކަތްތަކާއި، މުސްލިމުންގެ ތާރީހާއި ފަލަސްތީނާ އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކައިފައެވެ.
މި އެއްވުމުގައި ވަނީ ފަލަސްތީނަށް ނަސްރު ލިބުން އެދި ޚާއްސަ ދުޢާ އެއް ވެސް ކޮށްފައެވެ.
