ދިވެހީންގެ މުއްސަނދި ސަގާފަތާއި އެއްބައިވަންތަކަމުގެ ޙަޤީޤީ ނާރެހަކީ އިސްލާމްދީން ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނުގައެވެ.
ޑރ. މުޢިއްޒު ނެރުއްވި ބަޔާނުގައި ވިދާޅުވީ ޕީިޕީއެމް/ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވެންގެން އުފައްދާ ސަރުކާރު ވެގެންދާނީ އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް ކަމަށެވެ.
ރާއްޖެއަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީހީ ހާދިސާއަކީ ރާއްޖެ އިސްލާމްވުން ކަމަށާއި ދިވެހީންގެ މިނިވަންކަމާއި ރިވެތި އާދަކާދަތަކާއި މުއްސަނދި ސަގާފަތާއި އެއްބައިވަންތަކަމުގެ ޙަޤީޤީ ނާރެހަކީވެސް އިސްލާމްދީން ކަމަށް ޑރ. މުޢިއްޒު ވިދާޅުވެފައި ވެއެވެ.
ވޭތުވެ މިދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ރާއްޖެ ދެމި ތިބިކަމީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށާއި މިއަދުގެ ދުނިޔޭގައި ފިކުރީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި އަދި އިސްތިރާޖީ ގޮތުންވެސް ތަފާތު އެކި ގޮންޖެހުންތައް އެބަހުރި ކަމަށް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ދިވެހި ޤައުމު އިސްކޮށްގެން، ދިވެހީންގެ މަސްލަހަތު ކުރިއަށް ނެރެގެން ކުރިމަތިލުމަކީ ދިވެހި ރައްޔިތުން އެދޭ ގޮތް ކަމަށް އިންތިޚާބީ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން 17 ނޮވެމްބަރު 2023 ގައި ގާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާ ދިވެހީންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް ކަމަށާއި މި ގައުމުގެ އިސްތިގުލާލާއި ފަހުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށް ކަމަށް ވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ހަމަ އެހެންމެ އައު ސަރުކާރު ވެގެންދާނީ ދިވެހީންގެ ރީތި އުޅުމާއި ގުޅުމާއި ގޮތް ފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާއި އަބުރު ބައިނަލްއަގުވާމީ މަސްރަހުގައި އުފުލައިދޭނެ ސަރުކާރަކަށް ކަމަށް އިންތިޚާބީ ރައީސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
