ދިވެހި ބަހާއި ސަގަފާތަށް އިސްކަންދޭ ވުޒާރާއެއް ގާއިމުކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވީ، އިލްމުވެރިންނާއެކު މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ ދިވެހިންގެ އަމިއްލަވަންތަކަން އަނބުރާ ގެންނަން މަސައްކަތް ނުފަށައިފިނަމަ ދެން އަނބުރާ ގައުމު ނުހޯދޭނެ ކަމަށާއި ދެން ފެށިގެންދާ ސަރުކާރު ފެށިގެންދާނީ ވެސް އެ ވިސްނުމުގައި ކަމަށެވެ.
އެގޮތުން ދެން އުފެދޭ ސަރުކާރު ވެގެންދާނީ ރާއްޖޭގައި ދުވަހަކު ވެސް ދިވެހި ބަހަށާއި، އިސްލާމްދީނަށާއި، ސަގާފަތާއި ދިވެހިންގެ އާދަކާދައަށް ދުވަހަކު ނުދޭ ވަރުގެ އިސްކަމެއް ދޭނެ ސަރުކާރެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
”ދިވެހި ބަހާއި އަޅުގަނޑުމެންގެ ކަލްޗާ އާއި ހެރިޓޭޖަށް އިސްކަންދޭ ހާއްސަ ވުޒާރާއެއް ގާއިމުކުރާނަން.“ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ބޭނުންފުޅު ވަނީ ނިންމުންތައް އެކަމުގެ އިލްމުވެރިން ދެއްވާ މައުލޫމާތުތަކުގެ މައްޗަށް ނިންމަން ކަމަށާއި އޭގެ ސަބަބުން ގައުމަށް ހަމަޖެހުން ލިބިގެންދާނެ ކަމަށެވެ.
އެގޮތަށް ގައުމު ކުރިއަށް ގެންގޮސް ނިންމާ ނިންމުންތައް ނިންމުމުގައި ޔުނިވާސިޓީތަކާއި ކޮލެޖްތަކުން އިތުރު ހަރުފަތަކަށް ދާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ތިޔައީ ވަރަށް ރަނގަޅު ނިންމުމެއް. ސާބަސް އިންތިޚާބީ ރައީސް