ސިއްޙީ ކަންކަމުގެ އިހުމާލުގެ މައްސަލަތައް އިތުރުވާތީ، މިކަމަށް ޙައްލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.
މިކަމަކީ ޕީއެންސީގެ ސެނެޓަރު، މުޙައްމަދު ޖަލާލްގެ އިސްނެންގެވުމާއިއެކުގައި ކުރާ ކަމެކެވެ.
ސިއްޙީ ޚިދުމަތްދޭ މައި ހޮސްޕިޓަލުތަކުގެ ސީރިއަސް އިހުމާލުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ދާދި ފަހުން ޓްރީޓޮޕް ހޮސްޕިޓަލުގެ މިފަދަ މައްސަލަތަކެއް ފެންމަތިވެ، ހެލްތު މިނިސްޓްރީން އަންނަނީ މިކަންކަން ބަލަމުންނެވެ.
ފޭސްބުކްގައި ޖަލާލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަހަރަކަށްވުރެ އަހަރެއް މެޑިކަލް ނެޖްލިޖެންސް ކޭސްތައް އަންނަނީ އިތުރުވަމުން ކަމަށެވެ.
”އެދެވޭ އެއްވެސް ފިޔަވަޅެއް ނޭޅެއެވެ. އަޅުގަނޑުމެންގެ މަސައްކަތްތަކަށް ވާނީ މިފަދަ ހާދިސާތަކުގެ ވީހާވެސް ގިނަ ރިޕޯޓްތަކެއް އެއްކޮށް ޕެޓިޝަނަކާއި އެކު މަޖިލީހަށް ހުށަހެޅުމުވެ.“ އޭނާ ވިދާޅުވިއެވެ.
ޖަލާލް ވަނީ އެފަދަ ކޭސްއަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަން ބޭނުންފުޅުނަމަ އަދި ޕެޓިޝަންގެ މަސައްކަތުގައި ބައިވެރިވާން ބޭނުންފުޅުނަމަ، ވަކިން މެސެޖުކޮށް އެކަން އަންގައިދިނުމަށް އެދިވަޑައިގެންފައެވެ.
ޕެޓިޝަނާއި ގުޅޭގޮތުން ”އަސުރަށް“ ޖަލާލް ވިދާޅުވީ، ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އިހުމާލުގެ މައްސަލަތައް ކުރިމަތިވެފައިވާ ވަރަށް ގިނަ ޢާއިލާތައް އެބަތިބި ކަމަށާއި، މިކަންކަމާއި ގުޅިގެން އެފަދަ ޢާއިލާތަކަށް ކުރެވޭނެ ކަމެއް ވެސް ނެތް ކަމަށެވެ.
އޭނާ ވަނީ މިކަމާއި ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައިފައިވާއިރު، އެ ބިލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް، ޕާކު ކޮށްފައިވާތާ އެތައް އަހަރެއް ވެފައިވާކަން ވެސް ފާހަގަކުރައްވައިފައެވެ.
”މި މަސައްކަތުގެ ބޭނުމަކީ އެ ބިލު ކުރިއަށް ގެންދަން ބާރު އެޅުން“ އޭނާ ވިދާޅުވިއެވެ.
ޖަލާލް ވިދާޅުވީ އައިޖީއެމްއެޗް، ޓްރީޓޮޕް އަދި އޭޑީކޭ ފަދަ ބޮޑެތި ހޮސްޕިޓަލުތަކުގައި މިފަދަ އިހުމާލުގެ މައްސަލަތަކުގެ އަދަދު ހާމަކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.
މި މަސައްކަތުގައި އޭނާއާއިއެކުގައި ބައިވެރިވާާން ބޭނުންވާ މީހުންނަށް އެ ފުރުސަތު އެބައޮތް ކަމަށާއި، ބޭނުންވަނީ މިފަދަ މައްސަލަތައް ގިނައިން ދިމާވެފައިވާ ފަރާާތްތަކަށް ކުރިމަތިވި މައްސަލަތައް ހިއްސާ ކުރުން ކަމަށެވެ. އަދި މި ޕެޓިޝަނުގައި ސޮއި ކުރުމުގެ މަސައްްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
