ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ)ގެ މެޗެއް ވަގުތުން ބަލަން ފަރަންސޭސި ވިލާތުގެ ޕެރިސް އަށް ދިއުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފިއެވެ.

އުރީދޫއިން މިކަން ހާމަކޮށް ބުނެފައިވަނީ، އުރީދޫގެ ކަސްޓަމަރުންގެ ތެރެއިން ބްރޯޑްބޭންޑް އަދި މޯބައިލް އަޕްގްރޭޑް ކުރާ ކަސްޓަމަރުންނާއި ނެޓްވޯކާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް މި މެޗް ބަލާލުމަށް ނަގާ ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު މިއަހަރުގެ ނިޔަލަށް އުރީދޫއިން ވަނީ ހުޅުވައިލައިފައެވެ.

އެގޮތުން ސުޕަނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއަފައިބަރ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން އަޕްގްރޭޑް ކުރައްވާ ފަރާތްތަކަށް މި ލަކީ ޑްރޯގެ ބައިވެރިއަކަށް އޮޓޮމެޓިކުން ވެގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގައި އުރީދޫ މޯލްޑިވްސް އާ އަލަށް ގުޅޭ ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެއެވެ.

މި ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރި ފަރާތުގެ ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ދެ ރެއާއި ތިން ދުވަހަށް އެކޮމޮޑޭޝަން އަދި މީލް ހަރަދު އުރީދޫ ދޭނެއެވެ. އަދި ޕެރިހުގައި ހުންނަ ”ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމް“ ގައި ހުންނަ އުރީދޫ ވީއައިޕީ ލައުންޖުން ޕީއެސްޖީ ކުޅޭ މެޗެއް ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ.

އެ މެޗަކީ އަންނަ އަހަރުގެ އޭޕްރީލް 21 ގައި ކުޅެން ހަމަޖެހިފައިވާ ޕީއެސްޖީ އާއި ލިޔޯންގެ މެޗެވެ.

ޕީއެސްޖީ އަކީ އުރީދޫ ގްރޫޕުގެ ޕްރިމިއަމް ޕާޓްނަރެވެ.

މިކަމާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫ ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒް ވިދާޅުވީ، ފުޓުބޯޅައަކީ ދިވެހިންގެ ހިތްތަކުގައި ހާއްސަ ޖާގައެއް ދެވިފައިވާ ކުޅިވަރަކަށް ވާއިރު މި ލަކީ ޑްރޯގައި ހޮވޭ ފަރާތަކަށް ވަރަށް ތަފާތު ތަޖުރިބާއެއް ކުރެވޭނެ ކަަމަށް އުއްމީދު ކުރާ ކަމަށެވެ.

ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ.

މި ޕާޓްނަޝިޕް ގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެއެވެ.