އދ. ދަނގެތިން ގެއްލިގެން ހޯދަމުން އަންނަ ޔޫސުފް އިބްރާހީމް (ޔޫސުބެ) ހޯދުމަށް މަސައްކަތް އެމްއެންޑީއެފުން މެދުކަނޑާލައިފިއެވެ.
ޔޫސުބެ ގެއްލުނީ ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނިކުމެ އުޅެނިކޮށެވެ. އޭނާ ގެއްލުނު ފަހުން ދޯނި އޮޔާ ދަނިކޮށް ފެނިފައިވެއެވެ.
އެމްއެންޑީއެފުން މިއަދު ވިދާޅުވީ ކަނޑުމަތިން ގެއްލޭ މީހުން ހޯދުމުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ޔޫސުބެ ހޯދުމުގެ އޮޕަރޭޝަން މިހާރު ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ޔޫސުބެ ގެއްލިގެން ރިޕޯޓްކުރި ހިސާބުން އޭނާ ހޯދަން ސިފައިން ޑައިވްކޮށްގެންނާއި ވައިގެ މަގުން މަސައްކަތްކޮށްފައިވެއެވެ.
އެގޮތުން ޑައިވްކޮށްގެން 78،850 ސްކޮޔަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު، މި ޑައިވްތަކުގައި މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނާ އެކު ދަނގެތިންވެސް ޑައިވަރުންތަކެއް ބައިވެރިވެފައިވެއެވެ.
