ފަލަސްތީނުގެ އެތައްހާސް ބަޔަކު އެއްވެސް ރަހުމެއް ނެތި ޝަހީދު ކުރަމުން އަންނަ އިޒްރޭލުގެ ޔަހޫދީންނާއިމެދު ހަމްދަރުދީވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ.އަހުމަދު ޝަހީދު ބުނެފިއެވެ.
އޭނާ މީސްމީޑިއާގައި އާއްމުކުރި ވީޑިއޯގައި ފަލަސްތީނު މިނިވަންކުރަން މަސައްކަތް ކުރާ ހަމާސް ޖަމާޢަތް ސިފަ ކުރީ ނިރުބަވެރީންގެ ގޮތުގައެވެ.
ޝަހީދު ވާހަކަ ދައްކާ ވީޑިއޯ އެންމެ ފުރަތަމަ އެކްގައި ޕޯސްޓު ކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު، ކޮމްބެޓް އެންޓިސެމިޓިޒަމް ނަމަކަށް ކިޔާ އެކައުންޓަކުންނެވެ.
މި އެކައުންޓުން އެކްސްގައި ކުރި ޕޯސްޓުގައި ޔަހޫދީންގެ ދިފާއުގައި ޑރ. ޝަހީދު އަޑު އުފުލީތީ އޭނާއަށް ޝުކުރު އަދާ ކޮށްފައިވެއެވެ.
”އިސްރާއީލުގެ ހުރިހާ ރައްޔިތުންނާއެކު، ކޮންމެތާކު ތިބި ނަމަވެސް ހުރިހާ ޔަހޫދީންނާއެކު، އަދި ”އެންޓިސެމިޓިޒަމް“ އާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި ފާއިތުވި ހަ އަހަރު އަހަރެންނާއެކު މަސައްކަތްކުރި ހުރިހާ އެންމެންނާއެކުވެސް އަހަރެން މިވަގުތު ހިތުގެ އިޚްލާސްތެރިކަމާއެކު ވަރުގަދަކޮށް ހުރިކަން ހާމަކޮށްދިނުމުގެ ފުރުސަތު ދިނީތީ ”ކޮމްބެޓް އެންޓިސެމިޓިޒަމް މޫވްމަންޓް“އަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.“ އޭނާ ބުނެފައިވެއެވެ.
ޝަހީދު ވަނީ ޔަހޫދީ ރައްޔިތުން މިހާރު ތަހައްމަލް ކުރަމުންދާނެ ހާލަތު، އަދި ވަކީން ޚާއްސަކޮށް ހަމާސްގެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކުން ތަހައްމަލް ކުރައްމުންދާ ކެކުކުޅުންތައް އޭނާއަށް ޚިޔާލަށްވެސް ނުގެނެވޭ ކަމަށް ބުނެފައެވެ.
”ހަމާސް ޓެރަރިސްޓުން ހިންގާފައިވާ، ޚިޔާލަށްވެސް ނުގެނެވޭ މިކަމަކީ އެއްވެސް ހުއްޖަތެއް އޮތް ކަމެއް ނޫން.“
މީގެއިތުރުން ޝަހީދު ވަނީ ހަމާސްއިން ހިންގަމުންދަނީ ޖަރީމާ ކަމަށް ވެސް ސިފަކޮށްފައެވެ. ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން ޝަހީދު ވަނީ އޭނާގެ އެކްސް ހޭންޑްލް އިން މި ވީޑިއޯ ފޮހެލައިފައެވެ. ނަމަވެސް ވަރަށް ގިނަ ބަޔަކު ދަނީ މި ވީޑިއޯ ހިއްސާކޮށް އޭނާއަށް ފާޑު ކިޔަމުންނެވެ.
ޔަހޫދީން ހުއްޓުމެއް ނެތި ޣާޒާއަށް ބޮން އަޅަމުން އަންނައިރު، މި ހަމަލާތަކުގައި ފަލަސްތީނުގެ 4،800އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެތެރޭގައި ހާހަކަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

ޢިސްލަަަާމް ދީނުގެ ބޮދު އަދުއްވެއް