ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓުކުރެވޭނެ ދާއިރާތައް ކަނޑައެޅުމާއި ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ލައިސެންސް ދިނުމުގެ އުސޫލާއި އެ ފަރާތްތަކަށް ހިމާޔަތް ދެވޭނެ އުސޫލުތައް ހިމެނޭ ފޮރިން އިންވެސްޓްމެންޓުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ، މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫންއެވެ.

އޭނާ ހުށަހަޅުއްވާ މި ބިލުގައި ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓުކުރެވޭނެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ އުސޫލުތަކާއި އެފަދަ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓުކުރުމުގެ ހުއްދަ ދޫކުރުމާ ގުޅޭ އުސޫލުތަކާއި އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމުގެ އުސޫލު ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން މި ބިލުގައި ބޭރުގެ ފަރާތްތަކުން ކުރާ އިންވެސްޓްމެންޓުތައް ދައުލަތަށް ނެގޭނެ ހާއްސަ ހާލަތްތަކާއި، އެފަދައިން ނެގޭ އިންވެސްޓްމެންޓުތަކަށް ބަދަލު ދެވޭނެ އުސޫލުތައް ބަޔާންކުރުމަށާއި، ވިޔަފާރިކުރުމަށް ނުވާ ގޮތުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ލައިސަންސް ދިނުމުގެ އުސޫލުތަކާއި އެފަދަ ފަރާތްތަކަށް ރާއްޖޭގައި މަސައްކަތްކުރުމުގެ އުސޫލުތައް ވެސް ބަޔާންކޮށްފައިވެއެވެ.

ހަމަ އެއާއެކު، ރާއްޖޭގައި އިންވެސްޓުކުރެވޭނެ ބޭރުގެ ފަރާތްތަކުގެ ތަފްސީލާއި އިންވެސްޓުކުރުމުގެ ހުއްދަ އަށް ބޭރުގެ ފަރާތްތަކުން އެދި ހުށަހަޅާނެ ގޮތާއި ހުއްދަ ދޭނެ ގޮތުގެ ތަފްސީލު ވެސް މި ބިލުގައި ވެއެވެ.

ބިލުގައިވާ ގޮތުން، މި ބިލު ގާނޫނަކަށް ވެއްޖެ ނަމަ މި ގާނޫނުގެ ދަށުން ހަދާ ގަވައިދުތަކާއި ލައިސެންސްގެ ޝަރުތުތަކަށާއި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް އަމަލުކުރުމަށް ބޭރުގެ އިންވެސްޓަރުންނަށް ލާޒިމްވާނެއެވެ.

އަދި މި ބިލުގައި ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި ކުރާ އިންވެސްޓްމެންޓުތައް ދައުލަތަށް ނަގާ ހާލަތްތަކުގައި އެ އިންވެސްޓްމެންޓުތަކަށް ބަދަލު ދޭން ޖެހޭނެ ކަމުގައި ވެސް ވެއެވެ.

ސަރުކާރުން ބުނީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުން މަސައްކަތްކުރުމުގެ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމު ކުރުން ކަމަށެވެ.