ދިވެހިރާއްޖެއިން އުމްރާގެ އަޅުކަމަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ މުއްދަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ 31 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށާއި، ހުއްދަ ހޯދުމަށްޓަކައި ޕްރޮޕޯސަލް ހުށަހަޅަން ބޭނުންކުރާ “ޕްރޮޕޯސަލް ފޮތް” އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
އަދި ހުއްދައަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭގޮތުން ފެބަރުއަރީ 9، 2022 ގައި ގެޒެޓްކޮށްފައިވާ “ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު” ގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީއިން އިތުރަށް ބުނީ ޕްރޮޕޯސަލް ބަލައިގަންނާނީ މި މަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:00އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ކަމަށެވެ.
