ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން މިހާތަނަށް 20 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ވަގުތު ވެސް ފެނަކައާ ގުޅޭ 75 މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށާއި އެ މައްސަލަތަކުގެ ތެރޭގައި ކުންފުނި ހިންގުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި, ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި, އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި, ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތަކާއި, ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭ ގޮތުން އެކަށައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.

އެގޮތުން މިހާތަނަށް ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގުކުރުމަށްފަހު, އެ މައްސަލަތަކާ ގުޅިގެން އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20،504،491.54 ރުފިޔާ އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.

އޭސީސީއިން ހާމަކުރި ގޮތުގައި ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހުކުރުމަށް އެ ކޮމިޝަނުން މިހާތަނަށް އެ ކުންފުންޏަށް ވަނީ އަންގާފައެވެ.

އޭގެތެރޭގައި ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާ ގޮތުގެ 48 ކަމެއް އިސްލާހު ކުރުމަށާއި ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމެއް އިސްލާހުކުރުމަށާއިި, ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 6 ކަމަކާއި, ކުންފުނިން ބަލައި ތަހުގީގުކުރުމަށް 6 ކަމެއް ހިމެނެއެވެ.